މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ސައުދީ އަރަބިއްޔާއަށް މިރޭ ފުރާވަޑައިގަންނަވައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ނައިބު ރައީސް ފުރާވަޑައިގެންނެވިއިރު، މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްޙައްޖުގެ ގޮތުގައި އިސްކޮށް ހުންނަވާނީ އެމަނިކުފާނެވެ.

ރާއްޖެއިން މިފަހަރު ޙައްޖަށްދާ ހުރިހާ ހައްޖުވެރިން ފުރާފައިވާއިރު، ހުރިހާ އެންމެންގެވެސް ހާލު ރަނގަޅުކަމަށް ހައްޖުވެރިންނާ ހަވާލުވެތިބި ގްރޫޕްތަކުން މައުލޫމާތު ދެއެވެ.

ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.

ކޮވިޑާ ހެދި 2021ވަނަ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރެވެ. އެއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.