23 Jun 2023, 10:47
ފިލްމު "ރާންޖަނާ"އިން ހިންދީ ފިލްމުތަކަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ތަމަޅަ އެކްޓަރު ދަނުޝް އިތުރު ހިންދީ ފިލްމަކަށް ސޮއިކޮށްފިއެވެ.
އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ މި ފިލްމަކީ، ދަނުޝްގެ ފުރަތަމަ ހިންދީ ފިލްމު "ރަންޖަނާ"ގެ ޑައިރެކްޓަރު އާނަންދު ރާއިގެ ފިލްމެކެވެ. "ތެރެ އިޝްޤްމޭ"ގެ ނަމުގައި އުފައްދާ މި ފިލްމު އިޢުލާނުކޮށް ފިލްމުގައި ދަނުޝް ފެންނާނެގޮތުގެ ޕޯސްޓަރެއްވެސް ޑައިރެކްޓަރު ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ތަމަޅަ ފިލްމުތަކުގައި އެކްޓްކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތް ވެސް ކުރާ ދަނުޝްގެ މި ފިލްމުގެ ޕޯސްޓަރާއެކު ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ. މިއީ ޑައިރެކްޓަރު އާނަންދު ރާއީއާއެކު ދަނުޝް މަސައްކަތްކުރިތާ ދިހަ އަހަރަށްފަހު ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.
ފިލްމު "ރާންޖަނާ"އަށްފަހުވެސް މި ފިލްމު އުފެއްދުމުގެ ވިސްނުން ގެންގުޅުނު ކަމަށާއި އެހެންނަމަވެސް ފިލްމު އުފެއްދުމުގެ ވަގުތު ޖެހެންދެން އޭރު މަޑުކުރީކަމަށް ޑައިރެކްޓަރު އާނަންދު ވަނީ ބުނެފައެވެ. މިއީ ފިލްމު "ރާންޖަނާ"ގެ ހަނދާންތައް ވެސް ބެލުންތެރިންނަށް ގެނުވައިދޭނެ ފިލްމެއް ކަމަށާއި މި ފަހަރުގެ ފިލްމުން ފެންނާނީ ޖެހިލުންކުޑަ 'ޝަންކަރު'ނަމަކަށްކިޔާ ކެރެކްޓާއަކުންކަމަށް އެކްޓަރުވަނީ ބުނެފައެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާ ނިމޭއިރު "ރާންޖަނާ"ގެ މިއުޒިކްއިންނެވެ.
ފިލްމު "ރާންޖަނާ"އަކީ 2013ވަނަ އަހަރު ނެރުނު ވަރަށް ރީތީ ލޯބީގެ ޑްރާމާ ފިލްމެކެވެ. ދަނުޝްއާއެކު ފިލްމުން ފެނިފައިވަނީ ބަތަލާ ސޯނަމް ކަޕޫރެވެ. މި ފިލްމަށް ފަހު ދަނުޝް ކުޅެފައިވާ އިތުރު ހިންދީ ފިލްމުތަކުގެތެރޭގައި 2015ވަނަ އަހަރު އެކްޓަރު އަމީތާބް ބައްޗަންއާއެކު ކުޅުނު "ޝަމީތާބް" އަދި 2021ވަނަ އަހަރު ރިލީޒްވި ފިލްމު "އަތުރަންގީރޭ" ހިމެނެއެވެ. ތަމަޅަ ފިލްމުތަކުން ބޮޑަށް ފެނިފައިވާ ދަނުޝްއަކީ ސައުތު ސިނަމާގެ އެންމެ މަގުބޫލު އެއް އެކްޓަރެވެ.