ޑައިރެކްޓަރު ނިކިލް އަދްވާނީގެ ފިލްމު "ވެދާ"ގެ ޓީމާ ބަތަލާ ޝަރުވާރީ ގުޅިއްޖެއެވެ.

އެކްޓަރު ޖޯން އަބްރަހަމް ލީޑްރޯލް ކުޅޭ މި ފިލްމަކީ، ވަރަށް ވަރުގަދަ އެކްޝަން ތްރިލާއެކެވެ. ފިލްމު "ވެދާ"އަކީ 2021ވަނަ އަހަރު ފިލްމު "ބަންޓީ އޯރް ބަބްލީ2"އިން ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ ޝަރުވާރީ ވާގްގެ ތިން ވަނަ ފިލްމެވެ. މި އެކްޝަން ތްރިލާއަށް ސޮއިކުރުމުގެ ކުރިން ޝަރުވާރީ ވަނީ "މަހާރާޖާ"ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އެއްކޮށް ނިންމާލާފައެވެ.

ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ޝަރުވާރީ ވަނީ ވަރަށް ކާމިޔާބު ތިން ފިލްމެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި ފިލްމު "ޕިޔާރުކާ ޕަންޗްނާމާ2"، "ބަޖީރާއޯ މަސްތާނީ" އަދި "ސޯނޫކޭ ޓީޓޫކީ ސްވީޓީ" ވެސް ހިމެނެއެވެ.

ޔަޝް ރާޖް ކުންފުނީގެ ފިލްމަކުން ޝަރްވާރީ ހިންދީ ސިނަމާއަށް ނުކުތްއިރު އެ ކުންފުނީގެ ދަށުން ހިންގާ ސްޕައި ޔުނިވާސްގެ "ޓައިގާ ވާސަސް ޕަތާން"އިން ޝަރުވާރީއަށް ވަނީ ފުރުސަތު ލިބިފައެވެ.

ފިލްމު "ވެދާ"އަކީ ޝަރުވާރީ ސްކްރީނުން ފެންނާނެ ފުރަތަމަ ތްރިލާ ފިލްމަށްވެފައި މިއީ ބަތަލާއަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ފިލްމެއްކަމަށް ފިލްމު ގެނެސްދޭ ކުންފުނިން ވަނީ ބުނެފައެވެ. ކާމިޔާބު އަދި ތަޖުރިބާހުރި ޑައިރެކްޓަރަކާއެކު ފިލްމީ ކެރިއަރުގެ ކުރީކޮޅު މަސައްކަތްކޮށްލަން ލިބުނު ފުރުސަތަކީ ލިބުނު ނަސީބެއްކަމަށް ޝަރްވާރީ ވަނީ ބުނެފައެވެ. އަދި ފިލްމުގެ ކާސްޓިންގްއަށް ބަތަލާ ގެންނާނީ ކޮންމެ ވެސް ކަހަލަ އުއްމީދުތަކެއް އޮތުމުން ކަމަށާއި ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބަތަލާއަށް އެކަމުގައި އިތުބާރުކުރީތީ އެކަމަށް ޝުކުރު އަދާކުރާކަމަށްވެސް ޝަރްވާރީ ވަނީ ބުނެފައެވެ.

ފިލްމު "ވެދާ"އަކީ އެމްމޭ އެންޓަޓެއިންމަންޓް ކުންފުނީގެ ދަށުން އުފައްދާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު ނިކިލް އަދުވާނީ ވަނީ މީގެ ކުރިން "ބަޓްލާ ހައުސް"ގައި ޖޯން އަބްރަހަމްއާއެކު މަސައްކަތް ކޮށްފައެވެ. އެމްމޭ އެންޓަޓެއިންމަންޓުން އެންމެފަހުން ގެނެސްދީފައި ވަނީ މި އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އެވެ.