އެކްޓަރު ވަރުން ދަވަންއާއި ބަތަލާ ޖާންވީ ކަޕޫރުގެ ފިލްމު "ބަވާލް" ޕެރިހުގެ އައިފަލް ޓަވާގައި ޕްރިމިއާކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ފިލްމު "ބަވާލް" ވެގެންދާނީ ޕެރިހުގެ މަޝްހޫރު އައިފަލް ޓަވާގައި ޕްރިމިއާކުރާނެ އިންޑިއާގެ ފުރަތަމަ ފިލްމަށެވެ. މީޑިއާ ރިޕޯޓިތަކުން ބުނެފައިވަނީ ފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ އެޓަވަރުގެ ސައްލެ ގުސްތާވް އައިފަލް ލައުންޖްގައެވެ. ފިލްމުގެ ޕްރިމިއާއާއެކު ލޯބީގެ މި ރީތި ސިޓީގެ ރީތި ވިއު ފިލްމުގެ ޕްރިމިއާގައި ބެކްގްރައުންޑުން ފެންނާނެކަމަށް ރިޕޯތުތަކުން ވަނީ ބުނެފައެވެ.

ސާޖިދު ނަދިއަދްވާލާގެ ފިލްމު ކުންފުނިން ގެނެސްދޭ މި ފިލްމު އައިފަލް ޓަވާގައި ޕްރިމިއާކުރުމަށް ލިބުނު ފުރުސަތާއެކު ފިލްމުގެ ޓީމުން ވަރަށް އަވަހަށް މިޕްރިމިއާއަށް ޕެރިހަށް ދަތުރުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި، ބަތަލާ ޖާންވީ ކަޕޫރު، ވަރުން ދަވަން އަދި އިންޑިއާގެ އިތުރުން ފަރަންސޭސިވިލާތުގެ ޓީމެއްވެސް މި ޕްރިމިއާގައި ބައިވެރިވާނެއެވެ.

ފިލްމު "ބަވާލް"ގެ ވަރަށް ބޮޑު ބައެއް ޝޫޓްކޮށްފައިވަނީވެސް ޔޫރަޕްގެ ޤައުމުތަކުގައެވެ. އޭގެތެރޭގައި ޕެރިސް ވެސް ހިމެނެއެވެ. މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްރަށް ނިސްބަތްކޮށްގެން ތައްޔާރުކޮށްފައިވާ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމު މީގެކުރިން ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް މިހާރު ފިލްމު ޕްރިމިއާކުރަން ނިންމާފައިވަނީ، އަންނަ މަހު އެމޭޒަން ޕްރައިމްގައެވެ. އެކަމަކު އެއީ ކޮން ތާރީޚެއްކަމެއް އަދި އިޢުލާނެއް ނުކުރެއެވެ. މި ފިލްމަކީ، ފިލްމުތަކެއް އުފައްދާފައިވާ ނިތޭޝް ތިވާރީގެ އުފެއްދުމެކެވެ.