22 Jun 2023, 21:22
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅު، މުރައިދޫގެ އިން އަންނަ ހޯމަ ދުވަހު ނުކުންނަވާނެ ކަން ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަންގަވައިފިއެވެ.
ރައީސް ނަޝީދުގެ އޮފީހުން އެކަން އަންގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް އިއްޔެ ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އަންނަ ހޯމަ ދުވަހު ރައީސް ނަޝީދު މުރައިދޫގެއިން ގ. ބޭރުވެލި އަށް ބަދަލުވެ ވަޑައިގަންނަވާނެ ކަމަށެވެ.
ވޭތުވެ ދިޔަ ހަފުތާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސް ނަޝީދު އުޒުރުވެރިވެވަޑައިގެންފައި ވީނަމަވެސް، އިދާރީ އެހެން މަސައްކަތްތައް ކުރައްވައި އިނާޔަތް ނަންގަވާތީ އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ މަނިކުފާނުގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު މުރައިދޫގެއިން ނުކުންނަވާނެ ކަމަށެވެ. ނަޝީދު ވިދާޅުވިގޮތުގައި މުރައިދޫގެ އަކީ އެމަނިކުފާނު މާ ހިތްޕުޅާ ވެވަޑައިގަންނަވާ ގެކޮޅެއް ނޫނެވެ.
ރައީސް ނަޝީދު ދިރިއުޅުއްވުމަށް މުރައިދޫގެ ހަމަޖެއްސެވީ 2021 ވަނަ އަހަރު އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށްފަހު ގާނޫނަށް ގެނައި އިސްލާހާއެކުއެވެ. އޭގެކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަންޏެވެ. ނަމަވެސް އެ ހަމަލާއަށް ފަހު ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސް އަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ.
އެގޮތުން، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ ކަމަށާއި، އެ ދެބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބެން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
އޭގެކުރިން އެމަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގައެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާ އެކުއެވެ. އެ މައްސަލައިގައި އެ މަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް އެޖެންޑާ ކުރެވޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.