22 Jun 2023, 18:47
ފީނަން އުޅުނު ފަތުރުވެރިޔެއްގެ އަތުގައި މިޔަރެއް ދަތް އަޅައި، ޒަޚަމްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފީނަން އުޅުނީ އެނބޫދޫ ކައިރީގައެވެ. އެ ހަމަލާގައި ޒަޚަމްވި އަންހެން މީހާ ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އޭނާގެ ކަނާއަތުގެ އުޅަބޮށި ކައިރިން ބޮޑު ބައެއް ޒަޚަމްވެފައިވާއިރު، ލޭ މަނާ ނުވެ ގިނަ އަދަދެއްގެ ލޭ މުޅި އަތުގައި ހޭކިފައި ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އިތުރު ފަތުރުވެރިންތަކެއް ޒަޚަމްވެފައިވާ އަންހެން މީހާ ފޮރިން މިނިސްޓްރީ ކައިރިން ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުންދެއެވެ.
އޭނާއަށް ލިބުނު ޒަޚަމުގެ ސީދާ ތަފްސީލެއް ލިބިފައި ނުވާއިރު، "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.
ނަމަވެސް އެ ވަގުތު އެމްބިއުލާންސް އައުމާއެކު، އޭނާ ގެންގޮސްފައިވަނީ އެމްބިއުލާންސް ގައެވެ. މި ހާދިސާގައި ޒަޚަމްވި އަންހެން މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން އަދި އެނގިފައެއް ނުވެއެވެ. ރަސްމީ އެއްވެސް އިދާރާއަކުން މި ހާދިސާ އާ ބެހޭ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.