ސާފް ޗެމްޕިއަންޝިޕް 2023 ގައި ވަރުގަދަ ލުބުނާނުން ބަންގުލަދޭޝް އަތުން މޮޅެއް ހޯދައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ބަންގުލަދޭޝް އަތުން ލުބުނާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ލުބުނާނަކީ ދެކުނު އޭޝިއާ ސަރަހައްދުން ބޭރުން މުބާރާތަށް ދައުވަތު ދިން ދެ ޓީމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ސަރަހައްދުން ބޭރުން ދެން ދައުވަތުދީފައިވަނީ ކުވައިތަށެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ލުބުނާނުން ކުރިއަށް ޖެހި ހުރަސްތަކެއް ނެގުމަށް މަސައްކަތްކުރަމުންދިޔަ އިރު، ބަންގުލަދޭޝްގެ ޑިފެންސުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ބަންގުލަދޭޝް އިން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ލުބުނާނަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލުބުނާންގެ ކަރީމް ޑާވިޗް ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ލުބުނާން އަދި ބަންގުލަދޭޝްއަށް ވެސް ފުރުސަތެއް ލިބިގެނދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލުބުނާންގެ ޚަލީލް ބަދެރް ފޮނުވާލި ބާރު ހަމަލާ ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލުބުނާންގެ ކީޕަރު އަލީ ސަބާހެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފަށް ލުބުނާނުން ވަނީ އެޓީމުގެ ކެޕްޓަން ހަސަން މާތޫކް ކުޅެން ނެރެފައެވެ. އޭނާއަކީ ލުބުނާނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ދަމަހައްޓަމުންދާ ކުޅުންތެރިޔާއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 55 ވަނަ މިނެޓުގައި ލުބުނާންގެ ކެޕްޓަން މާތޫކަށް ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މާތޫކް ފޮނުވާލި ދެ ހަމަލާ ވެސް ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބަންގުލަދޭޝްއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފޮނުވާލި އެ ހަމަލާ، ލުބުނާންގެ ކީޕަރު އަލީ ސަބާހް ވަނީ މަތަކޮށްފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ލުބުނާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކަރީމް ޑާވިޗް ދިން ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން މާތޫކެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލުބުނާނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޒެއިން އަލް އަބިދީން ފައްރާން ދިން ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޚަލީލް ބަދަރްއެވެ. އޭނާ އެ ގޯލު ޖެހީ ބަންގުލަދޭޝް ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ "ގްރޫޕު ބީ" ގެ މެޗެއް މިރޭ ވެސް ކުރިއަށްދާނެއެވެ. މިރޭ 7:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ބޫޓާނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެސްއެސްނެޓްގެ ޗެނަލް ނަމްބަރު 10 އިން ފެންނާނެއެވެ.