22 Jun 2023, 18:00
ހދ. މަކުނުދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 16 މިލިއަން ޑޮލަރަށް ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކުރީ މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ހަފްލާގައެެވެ. 366 ދުވަހުގެ ތެރޭ މި މަސައްކަތް ނިންމަން ޖެހޭއިރު މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 3،493 މީޓަރުގެ ރިވެޓްމެންޓު ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ މިއީ އިގްތިސާދީ ގޮތުން ހީނުކުރާ ބޮޑު ބަދަލެއް އަންނާނެ މަސައްކަތެއްކަމަށެވެ.
އެގޮތުން ދަތުރުފަތުރުގެ ނިޒާމު ތަރައްގީވުމަކީ އިގްތިޞާދުގެ ކުރިއެރުމަށް ކޮންމެހެން ވެސް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިހާރު ވެސް ރަށުގައި ގެސްޓު ހައުސް ވިޔަފާރި ކޮންމެވެސް ވަރަކަށް ކުރަމުން އަންނައިރު އެއާޕޯޓުގެ މަސައްކަތް ނިމުމުން އެ ކަމަށް އޮންނަ ޑިމާންޑު ބޮޑުވެ އިތުރަށް ރަށު ތެރޭގެ އިގްތިޞާދު ހިނގައިގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެއާޕޯޓު އެޅުނީމާ ވަރަށް ހެޔޮ ބަދަލެއް އަންނާނޭ. މިހާރު ވެސް ލޯކަލް އިންވެސްޓަރުންގެ ފަރާތުން އެ ޝައުގު ފެނޭ އަޅުގަނޑުމެންނަށް ބިން ހޯދަން އެދި މި ވިޔަފާރި [ގެސްޓް ހައުސް]އަށް،" އައުޒަމް ވިދާޅުވިއެވެ،
އޭނާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަަކެއް ފަހިވާނެކަމަށެވެ. އަދި ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ މަގު ވެސް ފަހިވާނެކަމަށެވެ.
"ރަށަށް އެންމެ ބޮޑު ދިރުމެއް އަންނާނެ އެއް ކަންތައް މިއީ ރަށުގެ ޒުވާނުންނަށް ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާގެ ފުރުސަތު ހަމަޖެހުމަކީ. އިރާދަކުރެއްވިއްޔާ މި ކަމުގެ ސަބަބުން ވަރަށް ބޮޑު ބަދަލެއް އަންނާނެ. ރައްޔިތުން އިންތިޒާރުކުރި ބޮޑު ޕްރޮޖެކްޓެއް މިއީ،" އޭނާ ވިދާޅުވިއެވެ.