ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެއްވެސް މައްސަލައެއް ނެތި އެޖެންޑާއާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ހައްލަށް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރަކަށް އެއްބަސްނުވެވޭނެކަމަށާއި އެ ނޫން ހައްލަކާއެކު ކުރިއަށްދިއުން ނޫން ގޮތެއް ނެތްކަމަށް ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދައުރު ދިގު ދަންމައިލުމަށް އެމްޑީޕީގެ މެމްބަރުން އެދިއެދި ތިއްބާ ރައީސް ނަޝީދު މިއަދު ދައުރު ނިންމަވައިލެއްވީ އެ މަނިކުފާނާ ދެކޮޅަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން އަނބުރާ ނުގެންދަނީސް ރިޔާސަތަށް އަރައިވަޑައިގަތުމަށްފަހެވެ.

މީގެ ކުރިން ޖަލްސާތައް ކުރިއަށް ގެންދަން ރިޔާސަތުގައި އިންނެވުމަށް އެ މަނިކުފާނު ދެއްކެވި އުޒުރަކީ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅައިފައިވުމެވެ.

މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މައްސަލައަކީ ރައީސް ނަޝީދު ގޮތްދޫނުކުރެއްވުންކަމަށެވެ.

"އަޅުގަނޑު މި ކަން ސިފަކުރަނީ އެ މަނިކުފާނުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުން ކަހަލަ ކަމެއްގެ ގޮތުގައި. ގާނޫނު އަސާސީގެ 45ވަނަ މާއްދާއާއި 46ވަނަ މާއްދާއާ ޚިލާފަށް އެ މަނިކުފާނު އެ ކަން ކުރެއްވީ. ކޯޓުން އަމުރުކުރެއްވީމާ ވެސް އެ ކަމެއް ކޯޓުން އަމުރުކުރެއްވި ގޮތަކަށް ނުކުރައްވާ. މިއަދު ވެސް އެކަހަލަ ކަމެއް މި ހިނގަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ތެރެއިން އަމަލުކުރުމަކީ އެ މެމްބަރުން އެދޭ ގޮތްކަމަށެވެ.

އެއީ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަން އެމްޑީޕީން ހުށަހެޅި ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެތެރޭގައި މަޝްވަރާކޮށްގެން އަޣުލަބިއްޔަތު މި ލިބެނީ މި ގޮތަށް ކުރިއަށްދާން. އެހެންވެގެން އަޅުގަނޑުމެން ދައުރުން ބޭރުން އިތުރު ޖަލްސާއަކަށް މި އެދުނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަަލަ އެކުގައި ހުށަހެޅުނު ކަމުގައިވީ ނަމަވެސް ކުރިއަށް ގެންދެވޭނެކަމަށެވެ.

މީގެ ކުރިން ވެސް އެ ފަދައިން ކަން ވުމުން އަމަލުކުރި ގޮތް ފެންނަން އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.