30 Apr 2012, 23:57
އެމްޑީޕީގެ ގައުމީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ޕާޓީގެ ރައީސް ޑރ. އިބުރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީ މަގާމުން ވަކިކުރީ ބަޣާވާތަކުން ކަމަށް އަލްހާން ވިދާޅުވެއްޖެ އެވެ.
ދިޓިވީގައި މިރޭ ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ޑީޑީ އާއި އޭނާ ރައީސާއި ނައިބު ރައީސް ކަމަށް އިންތިހާބު ވުމާ އެކު ޕާޓީގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފުރުސަތު ނުދީ އެ ދެ މަގާމަކީ ރަމްޒީ މަގާމުތައް ކަމަށް ވިދާޅުވެ މުޅި ޕާޓީގެ ލީޑާޝިޕާ މެދު ޝައްކުތަކާއި ވަހުމް އުފައްދާ ބަޔަކު މީހުންގެ ރޭވުމެއްގެ ދަށުން އިންތިހާބުކޮށްފައިވާ ރައީސާއި ނައިބު ރައީސް ބޭރުކޮށްލުމަކީ ގާނޫނުގެ ނިޒާމްގެ ތެރެއިން ހިންގާފައިވާ ބަޣާވާތެއް ކަމަށެވެ.
"ހަގީގަތުގައި ޕާޓީގެ އިލެކްޓެޑް ލީޑަޝިޕް ބޮޑު ޝައްކުތަކަކާއި ވަހުމް ތަކެއްގެ ތެރެއަށް ވައްޓާލީ ބަޔަކު މީހުން ރާވައިގެން މުޅި ޕާޓީ އާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާއެއް. އަޅުގަނޑު ދެކެނީ މިއަދު މިހިންގީ ސީދާ ގާނޫނީ ނިޒާމުގެ ތެރެއިން ހިންގި ބަޣާވާތެއް ކަމަށް. އެމްޑީޕީގެ ކަނޑައެޅިފައި އޮންނަ ގާނޫނީ އޮނިގަނޑު ބޭނުންކޮށްގެން ރައްޔިތުން އިންތިހާބުކޮށްފައިތިބި ރައީސާއި ނައިބު ރައީސް ބޭރުކޮށްލީ މީ ސިދާ ފާޅުވެގެންވާ ގާނޫނީ ނިޒާމުގެ ތެރެއިން ހިންގި ބަޣާވާތެއް މިއީ ވަރަށް ހިތާމަހުރިކަމެއް. މިކަމާ އެމްޑީޕީ މެންބަރުން ވިސްނަން ޖެހޭނެ،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ޕާޓީގެތެރޭގައި ރައީސަށް އޮތް މަގާމާއި ހައިސިއްޔަތު ގެއްލުވާލަން މަސައްކަތް ކުރީ ޑީޑީ ހޮވިވަޑައިގެންނެވި ހިސާބުން ކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވީ އެމްޑީޕީގެ ލީޑަރުކަމަށް އިބުރާހިމް ހުސައިން ޒަކީ ގެންނަވަން ކަމަށެވެ. އެކަން އެހިސާބުން ފޭލްވުމާ ގުޅިގެން ޑީޑީ އަށް އެކިކަހަލަ ގޯނާތައް އެމްޑީޕީން ތެރެއިން ކުރަމުން ގެންދެވި ކަމަށެވެ.
"އެމްޑީޕީގެ އޮފީސް ތެރޭގައި ޑީޑީ އިށީންނަވަން ހުރި ގޮނޑި އާއި މޭޒު ވެސް މަގުމައްޗަށް އެއްލާލާ ހަމައަށް ދިޔަ. މިރޭ މިހާހިސާބަށް ކަންކަން ދިޔައީމަ އަޅުގަނޑު ނެތިން އެއްވެސް ކަމެއް ފޮރުވާކަށް. މިއަދު ދަންނަވަންޖެހޭ ހަގީގަތަކީ ޑީޑީ ރައީސް ކަމަށް ކުރިމަތި ލެއްވިއިރު ރައީސް ނަޝީދު ވަރަށް ބޮޑަށް ތާއީދު ކުރެއްވި ޒަކީ އަށް ރައީސް ނަޝީދުގެ މުޅި ޓީމާއި ރައީސް އޮފީހުގެ ޓީމާއި މުލީއާގޭގައި ތިއްބަވާ ބޭފުޅުން އެކީ އެކައްޗަކަށް ޒަކީގެ ކެމްޕެއިނުގައި މަސައްކަތްކުރެއްވި. ނަމަވެސް ކަންދިމާވި ގޮތުން ޑީޑީ ހޮވުނީމާ އެކަން ހަޖަމު ނުކުރެވިގެން އުނދަގޫކޮށް ބާވަތް ބާވަތުގެ ގޯނާ ކުރަމުން ގެންދިޔައީ،" އަލްހާން ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ޕާޓީގެ ރައީސަށް އަސާސީ ގަވާއިދުގައި ކުރުމަށް ލާޒިމު ކޮށްފައިވާ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތްކުރައްވާތީ އެކަމާ ހިތްހަމަ ނުޖެހިގެން އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓްނެގުމަށް ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާ އެޖެންޑާ މެންބަރުންނަށް އެގެން ޖެހޭ ކަމަށާއި އެއިން އެއްވެސް ކަމެއް ގައުމީ މަޖިލިހުގެ މެންބަރުންނަށް ސާފުނުކޮށްދީ ބޭއްވި ބައްދަލުވުމެއް ކަމުން އެ ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރީކޯ މޫސާ މަނިކުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތުމުން ގާނޫނީ އިތުރު ސުވާލު އުފެދޭ ކަމަށެވެ.
"ގައުމީ މަޖިލިސް މިއަދު ޗެއާ ކުރެއްވީ ވެސް ޕާޓީގެ ގާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅެއް ކަމުން އަނެއްކާ ވެސް އިތުރު ގާނޫނީ ސުވާލު ތަކެއް އުފެދިގެން ދާތަން އަޅުގަނޑަށް ފާހަގަކުރެވެނީ،" ޑީޑީ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެބޭފުޅުންނާއި މެދު އެގޮތައް ކަންތައްކުރެއްވީ ބަޣާވާތެއް ކުރިބަޔަކާ ވާހަކަ ދައްކައިގެން ދިމާވި މައްސަލަ އާއި ގުޅިގެން ކަމަށް ނުބެލޭވޭ ކަމަށެވެ. އެބޭފުޅުންނާއި މެދު ރައީސް ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައިނެވީ ވެރިކަމުން ނަޝީދު ވެއްޓުނު ހިސާބުން ފެށިގެން އޭނާނަޝީދާއި ބައްދަލުކުރައްވާ ނަޝީދު އެމްޑީޕީގެ ޓިކެތްގައި ނުކުންނަވައިގެން ދެން އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެކަމަށް ބުނި ހިސާބުން ފެށިގެން ކަމަށެވެ.
"އަޅުގަނޑު އެކަނި ރައީސް ނަޝީދާ ބައްދަލުކޮށްފައި އަޅުގަނޑަކަށް ދެން ނުފެނެއޭ މަނިކުފާނު މި ރާއްޖޭގެ ވެރިކަމަށް ދެން އިންތިހާބުވާނެ ކަމަކަށް ކަން ހިނގާދިޔަ ގޮތުން،"
އަލްހާން ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ ފިކުރެއް ނޫން ކަމަށާއި މުހިންމުވަނީ ވަކި މީހަކު ޕާޓީގެ ވެރިކަމަށް ގެނައުން ނޫން ކަމަށާއި އެމްޑީޕީ ވެރިކަމުގައި ދެމިއޮތުން ކަމަށެވެ. އެހެންކަމަށްވާ ނަމަ އަލުން އެމްޑީޕީ ވެރިކަމަށް އަންނަން ބޭނުންކަމަށް ވަނީ ނަމަ ރައީސް ނަޝީދު ފަހަތަށް ޖެހި އަލުން އަންނަ ލީޑާޝިޕަކާއި އެ ޕާޓީ ހަވާލުކުރުން އެއީ ވަރަށް މުހިންމުކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ އޭނާ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި އިރު ވެސް ޕާޓީގެ ރިޔާސަތުގެ ތާރީހު ރަނގަޅަށް އެނގިހުރެ ކުރިމަތި ލެއްވި ކަމަށާއި އޭރުވެސް އޭނާ އަކީ އެ ޕާޓީގެ ގައުމީ މަޖިލިހުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަމުން ކުރިން ޕާޓީން ވަކިވެގެން ދިޔަ ދެ ރައީސުންނާ އެކު ވެސް މަސައްކަތްކުރެއްވި ކަމަށާއި އިބުރާހިމް އިސްމާއިލަށް ދިމާވި ގޮންޖެހުންތަކާއި ޑރ. މުހައްމަދު މުނައްވަރު ރައީސްކަމަށް ވަޑައިގަތުމުން ދިމާވީ ދަތިތައް އެނގިހުރެ އެމަގާމަށް ކުރިމަތި ލެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ އަދިވެސް އޭނާ އަކީ ޕާޓީގެ ރައީސް ކަމަށާއި މެންބަރުން ހަވާލު ކުރި މަސްއޫލިއްޔަތު ދޫކޮށްލާފައި ވަޑައި ނުގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އުސްފަސްގަޑުގައި ވެސް ބަޔަކު ދިމާކޮށް އިސްތިއުފަ ދިނުމަށް ޑީމާންޑްކުރުމުން ވެސް އެކަން ވެސް ނުކޮށް ހިތްވަރާ އެކު އާއްމު މެންބަރުންގެ މަސްލަހަތަށްޓަކައި ހުންނާނެކަމަށް ވިދާޅުވި އެވެ.
ޕާޓީގެ އާންމު މެންބަރުން އިންތިހާބު ކުރި އެމްޑީޕީގެ ރައީސާއި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ގައުމީ މަޖިލީހުގައި ނަގައި، އެ ދެ ބޭފުޅުން މަގާމުން މިއަދު ވަނީ ވަކިކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ހުށަހެޅުއްވައި، ރައީސް އޮފީހުގެ ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) މައްސަލާގައި ޑީޑީ އާއި އަލްހާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގާފައި ވަނީ ވަކިވަކިންނެވެ. ގައުމީ މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ ތެރެއިން އެ ދެ ދެބޭފުޅުންނަށް އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓް ފާސްވީ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.