ރާއްޖެއިން ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ދޯންޏެއްގައި 61 ކިލޯ ޑުރަގު އެތެރެ ކުރަން އުޅެނިކޮށް 2020 ވަނަ އަހަރު އަތުލައިގެން މީހުންގެ ތެރެއިން، ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފިއެވެ.

އެކަމަކު، އެ މައްސަލައިގައި އެންމެ އިސް ދައުރެއް އަދާ ކުރި ކަމަށް ފުލުހުން ތުހުމަތު ކުރި މީހުންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެފައެއް ނުވެއެވެ.

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މާޗު، 2020 ގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި މާލޭ ޓީޖެޓީ ސަރަހައްދުން، "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ޑުރަގު އެތެރެ ކުރަން އުޅެނު މައްސަލައިގައި 11 މީހަކު ހައްޔަރު ކުރިއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ. އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ.

އެ މައްސަލާގައި ހައްޔަަރު ކުރި މީހުންނަކީ:

  • މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް

  • މ. ބޮއިލިންފިޝް، އަހްމަދު ވިސާމް
  • މ. މާކޮޅު، މުހައްމަދު މާއިޝް
  • މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް
  • ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު
  • މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު
  • ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް
  • މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް
  • މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު
  • މއ. ވިރާހް، މުހައްމަދު ޝާމިން
  • މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު

އެ މީހުންގެ ތެރެއިން، ދައުވާ ސާބިތުވީ 6 މީހެއްގެ މައްޗަށެވެ. އެ މީހުން އުމުރަށް ޖަލަށްލުމާ އެކު، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، މި މަހުގެ 20އިން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރަން ވަނީ އަންގައިފައެވެ.

ދައުވާ ސާބިތުވީ، ޝިފާޒާއި، ރިޝްވާނާއި، ސުނާޒާއި، ޝާމާއި، މާއިދު އަދި ސައުދުﷲ ރަޝީދުގެ މައްޗަށެވެ. އެ މީހުންނަށް 25 އަހަރުގެ ހުކުމެއް އައި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭނީ، 21 އަހަރާއި ނުވަ މަހާއި 25 ދުވަހެވެ.

ދެން ދައުވާކުރި، ވިސާމް، މާއިޝް، ޝާމިން އަދި މުހައްމަދު ހަމީދުގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެއެވެ. އޭގެ ތެރެއިން ވިސާމަކީ، މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާއެވެ. އަދި، މައްސަލަ ކުރިއަށް ދަނިކޮށް، އެ މައްސަލައިގައި ދައުވާ ކުރި ނަޝީދު މަރުވީއެވެ.

މި މައްސަލައިގައި އެ މީހުން އަތުލައިގަތުމަށް ފުލުހުން ވަނީ ކަނޑުމަތީގައި ނުވަ ދުވަސް ހޭދަކޮށްފައެވެ.

އޭރު ކުރި ދައުވާގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި އެތެރެ ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާ އެންމެ އިސް ދައުރެއް އަދާ ކޮށްފައިވަނީ ވިސާމެވެ. އަދި، އޭނާއާ އެކު މުހައްމަދު ހަމީދު ވެސް އެ ކަމުގައި އިސް ދައުރެއް އަދާ ކުރި ކަމަށް ދައުވާގައި ބުނެފައިވެއެވެ.