22 Jun 2023, 14:03
ވޭތުވެ ދިޔަ ފަސް އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ސަރުކާރުން 19 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އޮތޯރިޓީން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކުގައި އަށް ރަށަކުން އަށް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އެ ރަށްތަކަކީ، ރ. އުނގޫފާރު، ސ. ފޭދޫ، ހދ. މަކުނުދޫ، ހދ. ނެއްލައިދޫ، ސ. ހިތަދޫ، ހއ. ފިއްލަދޫ، ގދ. ގައްދޫ އަދި އއ. ތޮއްޑޫ އެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީގެ ގޮތުގައި އެފަރާތްތަކަށް ޖުމްލަ 1.1 މިލިއަން ރުފިޔާ ފޯރުކޮށްދީފައި ވާކަމަށް އެންޑީއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، މި ހާދިސާތަކުގައި 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، އަންނައުނާއި، ކައްކައި ކެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ވެއެވެ.
ވޭތުވެދިޔަ ފަސް އަހަރަށް ބަލާ އިރު އަލިފާނުގެ ހާދިސާތަކުގައި ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބުނު މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ރިޕޯޓުކޮށްފައިވާ އަލިފާނުގެ ހާދިސާތަކަކީ:
2019 ގައި 14 ހާދިސާ
- 2020 ގައި 8 ހާދިސާ
- 2021 ގައި 16 ހާދިސާ
- 2022 ގައި 65 ހާދިސާ
- 2023 ގެ ޖޫން މަހާ ހަމައަށް 31 ހާދިސާ
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ގޭސް އަދި ކަރަންޓު ބޭނުން ކުރުމުގައި ރައްކާތެރިވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގޯތި ގެދޮރާއި އަގު ބޮޑު މުދަލުގެ އިތުރުން ވިޔަފާރިތައް އިންޝުއާ ކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.