ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިތީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ނިންމުން ނިންމީ އެކިއެކި ބޭފުޅުން އެބޭފުޅުން ދިރިއުޅުއްވާ ސަރަހައްދު ބަންދުކޮށްގެން ޢީދު ފާހަގަ ކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގު ފަހި ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކުރީ ފަހަރުތަކާ ހިލާފަށް ހުރިހާ މަގެއްގައި ދުއްވާއެއްޗެހި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލެވިގެން ދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިފަދައިން ކަންތައް ކުރުމުގެ ސަބަބުން އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދިފައިވާ ފަރާތްތަކަށާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކުގެ އިތުރުން ދުއްވާތަކެތީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް މި ދެ ދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ މިމަހުގެ 28 ވާ ބުދަ ދުވަހެވެ.

މީގެ ކުރިންވެސް އީދު ދުވަހާ ދިމާކޮށް ވަކި ގަޑިތަކެއްގައި މާލޭގައި އުޅަނދުތައް ދުއްވުން މަނާ ކުރެއެވެ.