ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިންމާލައި ސްކޫލްތައް ބަންދުކޮށްފިއެވެ.

2022- 2023 ވަނަ އަހަރުގެ ފަހު ޓާމުގެ ކިޔެވުން ނިންމާލައި މިއަދު ވަނީ ސްކޫލްތަކުގެ ދަރިވަރުންނަށް ރިޕޯޓްފޯމް ދީފައެވެ.

ނިމިދިޔަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ 92،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގެ 217 ސުކޫލެއްގައި ކިޔަވައިދީފައިވެއެވެ.

ޗުއްޓީއަށް ފަހު ދެން ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުއެވެ.

އަހަރުގެ މެދުތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރިފަހުން، ބޮޑު ބަންދަކަށް ފަހު އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފަށާނެ މިއީ ދެވަނަ ފަހަރެވެ.

ޗުއްޓީ މިގޮތަށް ބަދަލު ކުރުމުން ޖޫންޖުލައިގެ ވިއްސާރައާ ދިމާވެ، ޗުއްޓީގެ ބޭނުން ރަނގަޅަށް ނުހިފޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން ނުރުހުން ފާޅުކުރެއެވެ.