22 Jun 2023, 11:59
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލަން ދައުރު ދަންމާލަން އެމްޑީޕީން އެދިއެދި އޮއްވައި، އެކަން ނުކުރައްވާ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމާ ގުޅިގެން އެ ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެފައެވެ. އެހެންވެ، މަޖިލީސް ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގެން މިއަދު ވަނީ ޖަލްސާއެއް ބާއްވައިފައެވެ.
މިއަދަށް އެޖެންޑާ ކޮށްފައި އޮތީ، މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމެވެ. އެކަމަކު، އެ ކަމަށް ވޯޓަށް އެހުން އެޖެންޑާ ކޮށްފައެއް ނުވެއެވެ.
އެހެންވެ، މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރުގެ މުހައްމަދު އަސްލަމް ވަނީ ދައުރު ދަންމާލައި، އެ މަސައްކަތްތައް ނިންމަން އެދިވަޑައިގެންފައެވެ. އަދި، މިއަދު ވާހަކަދެއްކެވި އެ ޕާޓީގެ މެންބަރުން ވެސް ވަނީ ދައުރު ދަންމާލަން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
އެކަމަކު، ނަޝީދު ވަނީ އެކަން ކުރެއްވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް ވިދާޅުވެ، އެކަން ކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އަދި، އެޖެންޑާއަށް އިހްތިރާމު ކުރައްވަން މެންބަރުން ކިބައިން އެދިލެއްވިއެވެ.
"މެންބަރުން މަޖިލީހުގެ އެޖެންޑާއަށް ހުރުމަތްތެރިކޮށް ހިއްތަވަން ޖެހޭނެ. އެޖެންޑާއާ ހިލާފަށް ވާހަކަ ވެސް ދައްކަވައިގެން ނުވާނެ، އަދި، ކަންކަން ހުށަހަޅުއްވަން އުޅުއްވައިގެން ވެސް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް
އެއަށް ފަހު، މެންބަރުން ބަހުސް ކުރުމަށް އެޖެންޑާގައި އޮތް ދެ ގަޑިއިރުގެ މުއްދަތު ހަމަވުމުން، ދައުރު ދަންމައިނުލާ، މަޖިލީސް ޗުއްޓީއަށް ދިޔަކަން އިއުލާނު ކުރައްވާ، އެ މަނިކުފާނު ވަނީ ދައުރު ނިންމާލައިފައެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާފައިވަނީ، ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނެތި މުޅި މަޖިލީސް ހުއްޓިފައި އޮތުމަށް ފަހުގައެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން، ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގެންފައެވެ.
އެހެންވެ، ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެކަމަކު، ރައީސާއި ނައިބު ރައީސް ނޫން އެހެން ބޭފުޅަކަށް ރިޔާސަތު ބެލެހެއްޓެވޭނީ ޖެހިޖެހިގެން ތިން ޖަލްސާއަށް ކަމުން، ފާއިތުވި ދެ ދުވަހު ޖަލްސާއެއް އެޖެންޑާ ކޮށްފައެއް ނުވެއެވެ.