26 Jun 2023, 10:55
އާ އައިފޯނެއް ނެރޭނަމަ ޔަގީންވާ އެއް ކަމަކީ ކޮންމެ އަހަރަކު ވެސް، އޭގެ ކުރީ އަހަރަށް ވުރެ ފޯންތަކުގެ އަގު ބޮޑުވާނެ ކަމެވެ. އައިފޯން 15އަށް މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، މި ސީރީޒްގެ އަގުތައް މާ ބޮޑު ވެދާނެތީ ކަސްޓަމަރުން ތިބީ ކަންބޮޑުވެފައެވެ.
އައިފޯން 15 ސީރީޒްގެ އަގުތައް އެޕަލްއިން އަދި ހާމަކޮށްފައިނުވާއިރު، އެ ފޯންތަކުގެ އަގުތަކާ ބެހޭ ބައެއް ވާހަކަތައް މިހާރު ވެސް ދެކެވެމުން އެބަދެއެވެ.
އައިފޯން 14 ސީރީޒް އަކީ އައިފޯން 15 މޮޑެލްތަކުގެ އަގު ލަފާކުރުމަށް ބެންޗްމާކެއްގެ ގޮތުގައި ބެލެވިދާނެ ސީރީޒެކެވެ. އެމެރިކާގައި އައިފޯން 14ގެ 128ޖީބީގެ އަގު 799 ޑޮލަރުން ފެށޭއިރު އައިފޯން 14 ގެ 256ޖީބީގެ އަގުހުރީ 899 ޑޮލަރުގައެވެ. އަދި އައިފޯން 14ގެ 512ޖީބީގެ އަގު 1،099 ޑޮލަރަށް އަރައެވެ.
ޓެކްރިޕޯޓްތައް ބުނާގޮތުގައި އެޕަލްއިން އާންމުކޮށް ކޮންމެ އަހަރަކު ވެސް އެކުންފުނީގެ ޑިވައިސްތަކުގެ އަގުތައް ކަނޑައަޅަނީ ވަކި ސީކުއެންސްއަކުން ކަމުގައި ވިޔަސް، އައިފޯން 15 ސީރީޒްގެ އަގު އާދަޔާ ޚިލާފަށް ބޮޑުވެދާނެއެވެ.
މިފަދަ ދިރާސާތައްކުރާ މަޝްހޫރު ފަރާތެއް ކަމުގައިވާ ވެޑްބުޝްގެ އެނަލިސްޓް ޑޭން އައިވްސް ލަފާކުރާ ގޮތުގައި އައިފޯން 15 ލައިންގެ އެވްރެޖް އަގު ކުރިން ނެރުނު ލައިނަށް ވުރެ ބޮޑުވެދާނެއެވެ. ނަމަވެސް އެގޮތަށް ވަރަށް ބޮޑަށް އަގު އުފުލެނީ ވަކި މޮޑެލްތަކުގައި ކަމަށްވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި އެޕަލްއިން މިވަގުތު އައިފޯން 15ގެ އަގު ބޮޑުކުރުމާ މެދު ގޮތެއް ނުނިންމިޔަސް، އޭގެ ޕްރޯ އަދި އަލްޓްރާ މޮޑެލްތަކުގެ އަގު ބޮޑުވުމުގެ ފުރުސަތު ބޮޑެވެ.
ހައިޓޮންގް އިންޓަނޭޝަނަލް ސެކިއުރިޓީޒްގެ އިންޑަސްޓްރީ އެނަލިސްޓެއް ކަމަށްވާ ޖެފް ޕޫ ވެސް ލަފާކުރާ ގޮތުގައި އަގު ބޮޑުވާނީ ހަމައެކަނި އައިފޯން 15 ޕްރޯ މެކްސްގެއެވެ. އެފަދަ މައުލޫމާތު ހާމަކުރާ އެހެން ފަރާތަކުން ވެސްވަނީ އައިފޯން 15ގެ އަގު އައިފޯން 14އަށް ވުރެ ގާތްގަނޑަކަށް 12 ޕަސެންޓް ބޮޑު ވެދާނެ ކަމަށް ބުނެފައެވެ.
އައިފޯން 15ގެ އަގުތައް:
މިހާތަނަށް ލީކުވެފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އައިފޯން 15 128ޖީބީގެ އަގު 799 ޑޮލަރަށް އަރާނެ ކަމަށް ބެލެވޭއިރު، އައިފޯން 15 256ޖީބީގެ އަގު 899 ޑޮލަރަށް އަރާނެއެވެ. އަދި އައިފޯން 15 512ޖީބީގެ އަގު މިވަނީ 1،099 ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.
މިއީ އެޕަލް ޝޮޕްތަކުން ލިބޭނެ އަގުތައް ކަމަށް އަންދާޒާކޮށްފައިވާއިރު، އެމެރިކާއިން ބޭރުގައި މިއަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އައިފޯން 15 ޕްލަސް ގެ އަގުތައް:
އައިފޯން 15 އާ އެއްގޮތަށް އައިފޯން 15 ޕްލަސް ވެސް ކުރިން ނެރުނު އަގު ރޭންޖް ދަމަހައްޓާނެ ކަމަށް ބެލެވެއެވެ. އައިފޯން 14 ޕްލަސްގެ 128ޖީބީގެ މޮޑެލްއެއްގެ އަގު 899 ޑޮލަރުން ފެށޭ އިރު، 256ޖީބީގެ އަގު އުޅެނީ 999 ޑޮލަރުގައެވެ. އަދި 512ޖީބީގެ އަގު ވަނީ 1،199 ޑޮލަރަށް އަރާފައެވެ.
އައިފޯން 15 ޕްލަސްގެ 128ޖީބީގެ އަގު 899 ޑޮލަރަށް އަރާނެ ކަމަށް ބެލެވޭއިރު އައިފޯން 15 ޕްލަސް 256ޖީބީގެ އަގު 999 ޑޮލަރުގައި އަރާނެ ކަމަށް ބެލެވެއެވެ. އަދި، 15 ޕްލަސް 512ޖީބީގެ ހުންނަނީ 1،199 ޑޮލަރުގައި ކަމުގައި ވަނީ ލަފާކޮށްފައެވެ.
އައިފޯން 15 ޕްރޯގެ އަގުތައް:
އައިފޯން 15 ޕްލަސްގެ އަގުތައް އެއްފެންވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް އައިފޯން 15 ޕްރޯގެ އަގު ބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އެފަރާތްތަކުން ލަފާކުރާ ގޮތުގައި އައިފޯން 15 ޕްރޯގެ 128ޖީބީގެ އަގު 999 ޑޮލަރަށް، 256ޖީބީ 1،099 ޑޮލަރަށް، 512ޖީބީ 1،299 ޑޮލަރަށް، އަދި 1ޓީބީގެ ސްޓޯރޭޖްގެ އަގު 1،499 ޑޮލަރަށް އަރާނެއެވެ.
އެނަލިސްޓް ޑޭން އައިވްސް ވެސް ލަފާކުރާ ގޮތުގައި އައިފޯން ވިއްކާ އެވަރެޖް އަގު ބޮޑުވާނެއެވެ. އެއީ ޕްރޯ އަދި އަލްޓްރާ މޮޑެލްގެ އަގު ބޮޑުވުމުން ކަމަށް އޭނާ ލަފާކުރެއެވެ.
އައިފޯން ސީރީޒްގެ އައިފޯން 15 ޕްރޯގެ ލަފާކުރާ އަގުތަކަށް ބަލާއިރު،
އައިފޯން 15 ޕްރޯ 128ޖީބީ: 1،099 ޑޮލަރު
256ޖީބީ: 1،199 ޑޮލަރު
512ޖީބީ: 1،399 ޑޮލަރު
1ޓީބީ: 1،599 ޑޮލަރު
ލީކަރ ޓެކްނޮލޮޖީ ވިންޑޯ އާއި ފޯބްސްގެ މަސްދަރުން ވެސް ވަނީ ޕްރޯ މޮޑެލްގެ އަގު ބޮޑުވުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި އެހެން ފަރާތަކުން ވަނީ ކުރިން ނެރުނު އައިފޯނަށް ވުރެ އައިފޯން 15 ޕްރޯ ގާތްގަނޑަކަށް 20 ޕަސެންޓް އަގު ބޮޑުވެދާނެ ކަމަށް ބުނެފައެވެ.
އައިފޯން 15 އަލްޓްރާގެ އަގުތައް:
ދެންއޮތީ އައިފޯން 15 އަލްޓްރާ (ނުވަތަ އައިފޯން 15 ޕްރޯ މެކްސް) އެވެ. މީގެ އަގުތަކަށް ބަލާއިރު، ހުރިހާ މަސްދަރުތަކުން ވެސް އިޝާރާތް ކުރަނީ އައިފޯން 14 ޕްރޯ މެކްސްއާ އަޅާބަލާއިރު އަގު ބޮޑުވާނެ ކަމަށެވެ. އެނަލިސްޓް ޖެފް ޕޫ އާއި ފޯބްސްގެ މަސްދަރުން ވެސް އަގު ބޮޑުވާނެ ކަމަށްލަފާކުރާއިރު، އެމެރިކާގައި އެފޯނުގެ އަގު ބޮޑުވާނީ 100 ޑޮލަރު އިތުރަށް ދައްކަން ޖެހޭ ގޮތަށެވެ. އެގޮތުން އަލްޓްރާގެ އަގުތައް އުޅޭނެ ކަމަށް ބެލެވެނީ:
128ޖީބީ: 1،199 ޑޮލަރު
256ޖީބީ: 1،299 ޑޮލަރު
512ޖީބީ: 1،499 ޑޮލަރު
1ޓީބީ: 1،699 ޑޮލަރު
މިއަގުތަކުގައި އަލްޓްރާ ލިބޭނެ ކަމަށް ލަފާކުރާއިރު، ބައެއް މަސްދަރުތަކުން ވަނީ އައިފޯން 15 އަލްޓްރާގެ ބޭސް ސްޓޯރޭޖް އޮޕްޝަން 128ޖީބީގެ ބަދަލުގައި 256ޖީބީ އިން ފަށާނެ ކަމަށް ލަފާކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ސީރީޒްގެ ފެށޭ އަގު 1،299 ޑޮލަރުގައި ހުރެދާނެކަމަށް ލަފާކުރެއެވެ. ނަމަވެސް މިމައުލޫމާތު އަދި ކަށަވަރުވެފައެއް ނުވެއެވެ.
ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ މި އަގުތަކުގެ އަންދާޒާތައް ބިނާކޮށްފައި ވަނީ ސީދާ ކުންފުނިން އާންމު ކުރި މައުލޫމާތަކަށް ވުރެ، އެކި ފަރާތްތަކުން ލީކުކޮށްފައިވާ މައުލޫމާތާއި ދެކެވޭ ވާހަކަތަކުގެ މައްޗަށް ކަމެވެ.
އެޕަލްއިން ރަސްމީ އަގުތައް އިއުލާން ކުރާނީ އައިފޯން 15 ސީރީޒް ދައްކާލާއިރު، އަންނަ ސެޕްޓެމްބަރު މަހު ކަމަށް ބެލެވެއެވެ. އޭގެ ކުރިން އެ ޑިވައިސްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކޮންސިއުމަރުން ކެތްތެރިކަމާއެކު އިންތިޒާރު ކުރެއެވެ.