ދިވެހި މުޖުތަމައުގައި ދިވެހި އަދަބިއްޔާތަށް އޮންނަ ޝައުގުވެރިކަން ނިހާޔަތަށް ކުޑަކަމަށް ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވެވި، އަދި ރާއްޖޭގެ މިޒަމާނުގެ ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ޢަބްދުއް ރަޝީދު ޙުސައިން ވިދާޅުވެއްޖެއެވެ.

ލިޔުންތެރިކަމުގެ ގުޅުމުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެ ޖަމިއްޔާއަށް 13 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި، ލިޔުންތެރިންގެ ގުޅުން އުފެދުނީއްސުރެ 11 އަހަރުވަންދެން އެ ޖަމިއްޔާގެ ރައީސްކަން ކުރެއްވި ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވީ އެ ޖަމިއްޔާ ވުޖޫދަށް އައިސް މިވީ 13 އަހަރުގެ ތެރޭގައި ދިވެހި އަދަބިއްޔާތަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެވިފައިވާ ކަމަށެވެ.

ނަމަވެސް ލިޔުންތެރިންގެ ޖަމިއްޔާއިން މަސައްކަތެއް ކުރަމުން އަންނަކަން އިހްސާސް ނުވާކަން ފާހަގަކުރައްވަމުން ޢަބްދުއްރަޝީދު ވިދާޅުވީ، މި މަސައްކަތް ބަލައިގަތުމުގައި އާންމުންގެ ޝައުގުވެރިކަން ވަރަށް ކުޑަކަމަށެވެ.

ލިޔުންތެރިކަމުގެ ގުޅުމުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތާއި، އެ ޖަމިއްޔާއަށް 13 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

"އަދަބީ ކަންކަމަށްވުރެ ބޮޑަށް މިއުޒިކް ޝޯތަކާއި ކުޅިވަރު ހަރަކާތްތަކަށް ރައްޔިތުން ޝައުގުވެރިކަން ހުރޭ. އެތައްހާސް ރުފިޔާއެއް އެކަންކަމަށް ޚަރަދުކުރާތަން އެބަފެނޭ. ސަރުކާރުގެ ކުންފުނިތަކުންވެސް އަމިއްލަ ކުންފުނިތަކުންވެސް އެކަންތައްތަކަށް ހޭދަކުރާކަށް ޖެހިލުމެއް ނުވޭ. އެކަމު އަދަބީ ކަންކަމަށް ހޭދަކޮށްލާނެ ބަޔަކު ނުވޭ،" ޢަބްދުއްރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަދަބީ އެކިއެކި ކަންކަން ކުރުމަށް މާލީ އެހީތެރިކަން ހޯދުމަށް ލިޔުންތެރިންގެ ގުޅުން ޖަމިއްޔާއިން ދައުލަތުގެ އެކި އިދާރާތަކާއި، ކުންފުނިތަކުގެ އެހީތެރިކަން ހޯދުމަށް ކުރި މަސައްކަތުން އެދެވޭ ކުރިއެރުމެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް އަތުގެ އިނގިލިން ގުނާލެވޭހާ މަދު އަދަދެއްގެ ފަރާތްތަކުން އެ ޖަމިއްޔާ ފެށުނީއްސުރެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޢަބްދުއްރަޝީދު ވިދާޅުވިއެވެ.

ލިޔުންތެރިކަމުގެ ގުޅުމުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތާއި، އެ ޖަމިއްޔާއަށް 13 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

"ޗާޕުކޮށްގެން ނެރޭ ފޮތަކީ އެތައް ޒަމާނަކަށް ދެމިއޮންނާނެ އެއްޗެއް. ނަމަވެސް މިއުޒިކް ޝޯއަކީ އެންމެ ރެއެއްގެ މުނިފޫހިފިލުވުމެއް. ކަން މިހެން ހުއްޓަސް ޝޯތަކަށް ޚަރަދުކުރައްވާ ބޭފުޅުން މާ ގިނަ. އެކަން އަދިވެސް އޮތީ އެގޮތަށް. އަޅުގަނޑުމެން އުއްމީދުކުރަނީ، މިފަދަ ކަންކަން ބަދަލުވެ އަދަބީ ކަންކަމަށް ދިގުދެމިގެންވާގޮތަކަށް އިސްކަންދިނުމުގެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދާނެ ދުވަހެއް އަތުވެދާނެކަމަށް،" ޢަބްދުއްރަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ލިޔުންތެރިން ގުޅުމުގެ ޖަމިއްޔާގެ ރައީސް، ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވީ، ވާހަކަލިޔުމުގެ މުބާރާތުގައި ހީކުރި ވަރަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި، މިގޮތުން 11 މީހަކު ބައިވެރިވެ، 12 ވާހަކަ ފޮނުވާފައިވާކަމަށެވެ. މިއީ ލިޔުންތެރިންގެ ޖަމިއްޔާއިން އުފާކުރާކަމެއްކަމަށް ޢައްބާސް ފާހަގަކުރެއްވިއެވެ.

ނަމަވެސް އޭގެ ތެރޭގައި ލިޔުންތެރިންގެ ގުޅުމުން އުއްމީދު ކުރިވަރުގެ ވާހަކައެއް ނެތްކަމަށާއި، މުބާރާތުގައި ވާހަކަލިޔުމަށް ކަނޑައެޅި އުމުރުފުރައަށް އެކަށީގެންވާ ރަނގަޅު ވާހަކައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުބާރާތުން ހާސިލްކުރަން ބޭނުންވި ނަތީޖާ ހާސިލްނުވާކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.

ލިޔުންތެރިކަމުގެ ގުޅުމުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތާއި، އެ ޖަމިއްޔާއަށް 13 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނޢޢވ ޢައްބާސް އިބްރާހީމް ވާހަކަދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ލިޔުންތެރިންގެ ގުޅުމުން މިފަހަރު ހުޅުވާލި ވާހަކަލިޔުމުގެ މުބާރާތުގައި ލިޔުމަށް ހުޅުވާލި ވާހަކަތައް ޙާއްޞަކޮށްފައިވަނީ ފުރާވަރުގެ ކުދިންނަށެވެ. އެއީ ރާއްޖޭގައި ފުރާވަރުގެ އުމުރުފުރައިގެ ކުދިން ނުވަތަ ޅަ ޒުވާނުނަށް ޚާއްޞަކޮށް ލިޔެފައި ހުންނަ ވާހަކަތަކެއް ނުހުންނާތީ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި މުބާރާތަކީ ރާއްޖޭގައި މިގޮތަށް ބޭއްވި ފުރަތަމަ މުބާރާތެވެ.

އެ މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ތ. މަޑިފުށި ޖަވާހިރުމާގޭ، އާމިނަތު ޝީޒާއެވެ. އޭނާ ލިޔުނު ވާހަކައިގެ ނަމަކީ "ތަޤްދީރުގެ ގަލަމުން" އެވެ. އެންމެ ރަނގަޅު ވާހަކައަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ލިޔުންތެރިކަމުގެ ގުޅުމުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތާއި، އެ ޖަމިއްޔާއަށް 13 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

އެ މުބާރާތުގެ ދެވަނައަށް އެންމެ ރަނގަޅު ވާހަކައެއް ލިޔެފައިވަނީ ތ. ތިމަރަފުށި ރެޑިއަމްގެ، ޢާއިޝަތު ލިއުޝާ ކަމަށްވާއިރު އޭނާއަށް ވަނީ އިނާމަކަށް 15،000 ރުފިޔާ ދީފައެވެ.

ލިޔުންތެރިކަމުގެ ގުޅުމުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތާއި، އެ ޖަމިއްޔާއަށް 13 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

މި މުބާރާތުން ތިން ވަނައަށް އެންމެ ރަނގަޅު ވާހަކައެއް ލިޔެފައިވަނީ ލ. ހިތަދޫ ސަންބީމް، ޢާމިނަތު ނިސްރީން އެވެ. ތިންވަނައަށް އެންމެ ރަނގަޅު ވާހަކަ ލިޔުނު ފަރާތަށް ވަނީ ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދީފައެވެ.

ލިޔުންތެރިންގެ ގުޅުމަކީ، ދިވެހިބަހާއި ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމުގެ ގޮތުން 2010 ވަނަ އަހަރު ވުޖޫދަށް އައި ޖަމިއްޔާއެކެވެ.

ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަމާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ހުނަރުތައް ތަރައްގީކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ދިވެހި ބަހާއި ދިވެހި އަދަބީ ފަންނުތައް ތަރައްގީކުރަން މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމާއި، ދިވެހި އަދަބީ ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، ދިވެހިބަހާއި އަދަބިއްޔާތު ދިރުވުމަށްޓަކައި ބައްދަލުވުންތަކާއި ޖަލްސާތަކާއި ކުލާސްތައް ބޭއްވުމާއި ލިޔުންތައް ޝާއިޢުކުރުމަކީ މި ޖަމިއްޔާގެ މައިގަނޑު މަގުސަދެވެ.