ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިން ގެ ޚާއްސަ އިނާޔަތެއްގެ ގޮތުން ގައުމީ ޔުނިވާސިޓީގެ 10 ދަރިވަރުންނަށް މާލީ އެހީ ދޭން ނިންމައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ 10 ދަރިވަރަކަށް މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޗައިނާ ސަފީރު ވަންގް ލިޒިން އާއެކު، ގައުމީ ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފެވެ.

ދަ ޗައިނީސް އެމްބެސެޑާ ބާސަރީ ޕްރޮގްރާމްގައި އެމްއެންޔޫއާއި އެކު ސޮއިކުރަނީ --- ފޮޓޯ/ އެމްއެންޔޫ

މި އެއްބަސްވުމުގެ ދަށުން ގައުމީ ޔުނިވާސިޓީގެ 10 ދަރިވަރަކަށް މާލީ އެހީގެ ގޮތުގައި ކޮންމެ އަހަރަކު ޗައިނާގެ ސަފީރު 10،000 ރުފިޔާ ދޭން ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ޝަރީފު ވިދާޅުވީ އެ އިނާޔަތް ދޭނީ އެކަމަށް އެންމެ އަކަށޭނެ ދަރިވަރުން ބަލައި އެފަދަ ދަރިވަރުންނަށް ކަމަށް ކަމަށެވެ.

ކުރިއަށް އޮތް އަހަރުތަކުގައި، މި އެހީ އިތުރަށް ބޮޑު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޑރ. ޝަރީފް ވިދާޅުވިއެވެ.

ޗައިނާ ސަފީރުގެ މާލީ އެހީގެ ސަބަބުން ޔުނިވާސިޓީގެ ދަރިވަރުންގެ ކުރިއެރުމަށާއި ޔުނިވަސިޓީގެ ތަރައްގީއަށް ވެސް މަންފާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފް-- ފޮޓޯ/ އެމްއެންޔޫ

ގައުމީ ޔުނިވާސިޓީން ބުނީ މާލީ އިނާޔަތަށް އެދި ހުށަހެޅުމަށް މިއަދު ޔުނިވަސިޓީގެ ދަރިވަރުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި މި އިނާޔަތް ދޭ ދަރިވަރުން ކަނޑައެޅުމުގައި ޔުނިވަސިޓީގެ ސްކޮލަޝިޕް ދޭ މިންގަނޑަށް ބަލައި އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.