ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމަށް ފަހު، މިއަދު އަލުން އެނބުރި ރިޔާސަތާ ހަވާލުވެވަޑައިގެންފިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނެތި، ހުއްޓިފައި އޮތުމަށް ފަހުގައި މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައެވެ. މިއަދަށް ތާވަލުކޮށްފައިވަނީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ނަޝީދެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ވެސް އެ މަނިކުފާނު ވަނީ، މަޖިލިސް ހުއްޓުމަކަށް އައީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއް ފަހަރާ ހުށަހެޅުމުން ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ 54 މެންބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވާ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާވި ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވާން ޖެހިވަޑައިގަތީ މުޅި މަޖިލީސް ހުއްޓިފައި އޮތުމުން ކަމަށެވެ. އަދި، އެއީ ދިވެހިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މި ތަނުގައި ރިޔާސަތު ބެލެހެއްޓުމަށް މިއިނީ، އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށް ވުރެން އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާން ޖެހޭ. އެއީ، ދިވެހި ރައްޔިތުންގެ މަސްލަހަތު، ދިވެހިރާއްޖޭގެ މަސްލަހަތު. މި މަޖިލީސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މަޖިލީހަށް ދިމާވެފައި އޮތް ހާލަތުން އަރައިގަތުމަށް އެމްޑީޕީންނާއި ދައުލަތުގެ އެހެން ބާރުތަކުން ވެސް އެހީތެރިވެފައިނުވާ ކަމަށެވެ. އަދި، އެ ކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅުމާ އެކު ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބެލެހެއްޓުމުން އުޒުރުވެރިވެލައްވައިފައެވެ. އެހެންވެ، ރިޔާސަތު ބަލަހައްޓަވަމުން އައީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެކަމަކު، ރައީސާއި ނައިބު ރައީސް ނޫން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ، ވިދިވިދިގެން ތިން ޖަލްސާއަށް ކަމުން، ފާއިތުވި ދެ ދުވަހު ޖަލްސާއެއް އެޖެންޑާ ވެސް ނުކުރެއެވެ.