30 Apr 2012, 22:33
ދިރާގް ދިވެހިލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގައި މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗް 1-1 ލަނޑުން ދެޓީމް އެއްވަރުވެގެން ނިމެއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި އީގަލްސްއިން ޖެހި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، އީގަލްސްގެ ފޯވާޑް އަހުމަދު އިމާޒެވެ. އަދި ވިކްޓަރީގެ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ.
ދެޓީމްގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ.
މެޗުގެ ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 10 މިނެޓުގެ ކުޅުން ހަމަނުވަނީސް އީގަލްސްގެ ފޯވާޑް މުހުތާރު ނަސީރު (ޓޫކިލޯ) ކުރި ފައުލަކާ ގުޅިގެން ރެފްރީ އަހުމަދު އަފްސަހް ވަނީ ދެ ވަނަ ރީދޫ ކާޑާއެކު، ރަތް ކާޑެއް ދެކުމަށް ފަހު ދަނޑުން ފޮނުވާލައިފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބާކީ މިނެޓް ފުރިހަމަ ކުރަންޖެހުނު އީގަލްސްގެ ކުޅުންތެރިންނަށް ލިބުނު، ހިތް ވަރު އެޓީމްގެ ކުޅުންތެރިންނަށް ހޯދައިދިނީ ޒުވާންފޯވާޑް (އާކޮށް) މެޗުގެ 79 ވަނަ މިނެޓުގައި އިދިކޮޅު ވިކްޓަރީގެ ގޯލް ހުޅުވައިދީ މެޗުގެ ލީޑް ނެގި ހިސާބުންނެވެ.
ޒުވާން ފޯވާޑް އާކޮށްގެ ލަނޑާއެކު މެޗުގެ ލީޑް އީގަލްސްއިން ނެގި ކަމުގައި ވިޔަސް، ވިކްޓަރީގެ ފޯވާޑުން ކުރަމުންއާ ބުރަ މަސައްކަތައް އީގަލްސްގެ ޑިފެންޑަރުން ވަނީ ހުރަސްއަޅާ، 1-0 ލަނޑުގެ ނަތީޖާއެއްގައި އޮވެ، މެޗް ނިންމާލުމަށެވެ.
އެހެންނަމަވެސް މެޗުގެ 89 ވަނަ މިނެޓުގައި ދެ ވަނަ ރަތްކާޑު އަލުން އީގަލްސްގެ ހަސަން އާތިފްއަށް ދައްކާ ދަނޑުން ފޮނުވާލިތަން ފެނިގެން ދިޔައެވެ. މެޗުގެ ދެ ވަނަ ހާފގައި ކުޅެންނުކުތް އާތިފް އަށް ރެފްރީ ރަތް ކާޑު ދެއްކީ މެޗް ލަސްކުރިކަމަށް، ބުނެއެވެ.
އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ކުޅުމާއެކު، ނުވަ ކުޅުންތެރިންނާއެކު ކުޅެމުންއާ އީގަލަސް ކޮޅަށް ވިކްޓަރީން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު ކުޑައްޓޭ ޖެހީ އީގަލްސްގެ ފެނަލްޓީ އޭރިއާތެރޭގައި ހުރެއެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، އީގަލްސްގެ ޒުވާން ފޯވާޑް އާއްކޮ އެވެ.
ދިރާގް ދިވެހިލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް ކުޅެވުނު މެޗްތަކަށް ބަލާއިރު، ފުރަތަމަ ބުރުގެ އެއް ވަނައިގައި އަދި އޮތީ ހަ ޕޮއިންޓާއެކު އޮތް ނިއުރޭޑިއަންޓެވެ. އަދި ދެ ވަނާގައި މިވަގުތު އޮތް ވިކްޓަރީ އާއި އީގަލްސް އެވެ. މި ދެޓީމަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.