22 Jun 2023, 07:31
ދިވެހި މުޖުތަމައުގަ އުޅެ ބޮޑެތިވަމުން އަންނަ ބައެއް ކުދިންނަށް ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ކަންބޮޑުވާންޖެހޭ ޤައުމީ މައްސަލައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެ ޖަމުޢިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދިވެހި މާޙައުލުގައި އުޅެ ބޮޑެތިވަމުން އައި ނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ވިސްނަންޖެހޭ ޤައުމީ މައްސަލައެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ޒަމާނުގެ ދަތުރުގައި އަޅުގަނޑުމެންނާ މިއަދު ބައްދަލުކޮށްފައި މިވަނީ، ދިވެހި ބަހާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާ މެދު ކަންބޮޑުވާން ޖެހޭ ކަމަށެވެ.
"މަދަރުސީ މާޙައުލުގައި ވެސް، އަދި ޢާންމު މުޖްތަމަޢުގައި ވެސް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ، އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެށްޓެއް. ކޮންމެ ބަހަކުން ތަޢުލީމު އުނގެނުނަސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއް. " ރައީސް ޞާލިޙް ވިދާޅުވިއެވެ.

ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ ރައީސް އޮފީސް
އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ މަސައްކަތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ލިޔުންތެރިން ގުޅުމުގެ އެ މަސައްކަތްތަކަކީ ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާ ވަރަށް އަގުހުރި ޤައުމީ މަސައްކަތެއް ކަމަށެވެ. ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ ރައީސް އޮފީސް
މި ޖަލްސާގައި ރައީސް ޞާލިޙް ވަނީ އެކި ޢުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ ޢުމުރުފުރަޔަކާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ ޢާންމުކުރަމުން ގެންދިއުމަށް އަދީބުންނަށާއި ބަހުގެ އުސްތާޒުންނާ އަދި ލިޔުންތެރިންނަށް އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި ޢިބްރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން 1، 2 އަދި 3 ވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.