ފިލްމު "ޓައިގާ ޒިންދާހޭ"ގެ ޑައިރެކްޓަރުގެ ކުރިއަށްއޮތް ފިލްމުން ބަތަލާ ކެޓްރިނާ ކައިފް ފެންނާނެކަމަށް ޢަލީ އައްބާސް ޒަފަރު ބުނެފިއެވެ.

ފިލްމު "މެރޭ ބްރަދާކީ ދުލްހަން"އިން ޑައިރެކްޝަނަށް ނުކުތް ޢަލީ އައްބާސްގެ ކުރިޔަށްއޮތް ފިލްމަކީ، އެކްޝަން ތްރިލާއެކެވެ. މީގެ ކުރިން ބަތަލާ ކެޓްރިނާއާއެކު ޢަލީ އައްބާސްވަނީ ތިން ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބާރަތު"ވެސް ހިމެނެއެވެ.

"ސޯލްޖާ" ނަމަކަށް ކިޔާ މި ތުރިލާއަކީ ވަރަށްކުރިން އެނައުންސްކުރި ފިލްމެކެވެ. އެހެންނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު މިފިލްމުގެ ވާހަކައިގެ އަޑުވަނީ މަޑުވެފައެވެ. އޭގެފަހުން އަލީ އައްބާސްއެކޭ އެއްގޮތަށް ކެޓްރިނާވެސްވަނީ އިތުރު އެހެން ފިލްމީ މަސައްކަތްތަކަށް ވަގުތު ހުސްކޮށްފައެވެ. ފިލްމު "ސޯލްޖާ"ގެ މަސައްކަތް ރޭވުނުގޮތަށް ކުރިޔަށް ގެންދެވުނުނަމަ މިއަހަރު ބެލުންތެރިންނަށް ފިލްމު ގެނެސްދެވުނީސްކަމަށް ޢަލީ އައްބާސްވަނި ބުނެފައެވެ.

ޢަލީ އައްބާސް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިމަހުގެ ނުވައެއްގައި ޖިއޯ ސިނަމާގައި ޕްރިމިއާކުރި ފިލްމު "ބްލަޑީ ޑެޑީ"އެވެ. ފިލްމު "ބްލަޑީ ޑެޑީ"އަށް ވަގުތު ހުސްކުރަން ޖެހުމާއެކު ކެޓްރީނާވެސް ކުރިޔަށްއޮތް ފިލްމު "ޓައިގާ3"ގެ މަސައްކަތަށްވަނީ ބަތަލާގެ ޝެޑިއުލް ހުސްކޮށްފައެވެ.

ފިލްމު "ބްލަޑީ ޑެޑީ"ގެ ރިލީޒްއަށްފަހު އިތުރު އެހެން ފިލްމީ ޕްރޮޖެކްޓަތަކަކަށް ޢަލީ އައްބާސް ވަގުތު ހުސްކުރަން ޖެހުމުން "ސޯލްޖާ"ގެ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އަދި ނޭނގޭކަމަށް ޑައިރެކްޓަރުވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ފިލްމުގެ މަސައްކަތް އެއީ ދެން އެންމެ އިސްކަންދޭ އެއް ޕްރޮޖެކްޓްކަމަށާއި ކެޓްރީނާގެ ފިލްމު "ޓައިގާ3"ގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފިލްމު ފަށާނެ ދުވަހެއް އިއުލާނުކުރުމާމެދު ކެޓްރީނާއާއެކު މަޝްވަރާކުރާނެކަމަށް އަލީ އައްބާސްވަނީ ބުނެފައެވެ. ސަލްމާން ޚާންއާއެކު ކެޓްރީނާ ލީޑް ރޯލްއިން ފެންނަ ފިލްމު "ޓައިގާ3" އިތުރުން ބަތަލާވަނީ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތިއާއެކު ކުޅޭ ފިލްމު "މެރީ ކްރިސްމަސް" އަދި ފަރްޚާން އަޚްތަރުގެ ފިލްމު "ޖީ ލޭ ޒަރާ"އެވެ.