22 Jun 2023, 08:53
ޢުމުރުން އެންމެ 17 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުތް އިރު ފިލްމުކުޅުމާމެދު އޭރު ވަކި ގޮތެއް ނުނިންމާކަމަށް ބަތަލާ ކާޖޮލް ބުނެފިއެވެ. އޭރު ކާޖޮލްގެ ބައްޕަ އަދި ފިލްމު ޕްރޮޑިއުސަރު ޝޯމޫ މުކަރުޖީވެސްވަނީ ފިލްމު ކުޅުމުގެ ނިންމުމާމެދު ވަރަށް ފަރުވާތެރިކަމާއެކު ވިސްނަން އިރުޝާދު ދީފައިކަމަށް ބަތަލާވަނީ ބުނެފައެވެ. ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު ފަސް އެނބުރި އައުމަކީ ފަސޭހަކަމެއް ނޫންކަމަށްވެސް އޭރު ބައްޕަ ބުނިކަމަށާ އެއީ ހަގީގަތެއްކަން މިހާރު އިހުސާސްކުރެވޭކަމަށް ކާޖޮލްވަނީ ބުނެފައިވެއެވެ.
ޖުލައިމަހު ޑިޒްނީ ހޮޓް ސްޓާގައި ރިލީޒްކުރާ ކާޖޮލްގެ އަލަތު ސީރީ "ދަ ޓްރަޔަލް"އާ ބެހޭގޮތުން ވާހަކަދައްކަމުން ބަތަލާ ބުނީ، ދިރިއުޅުމުގައި މިހާތަނަށް ވަރަށް ބޮޑެތި ނިންމުންތައް ނިންމާފައިވާކަމަށާ އެއީ ފަސޭހަ ނިންމުންތަކެއް ނޫންކަމަށެވެ. އޭގެތެރޭގައި 199ވަނަ އަހަރު އެކްޓަރު އަޖޭ ދޭވްގަންއާއެކު ކުރެވުނު ކައިވެނި ހިމެނޭކަމަށް ބަތަލާވަނީ ބުނެފައެވެ. ކާޖޮލްއާއި އަޖޭގެ ލޯބީގެ ގުޅުން ފެށުނީ 1994ގައި ދެ ތަރިން އެކީގައި ކުޅުނު ފިލްމު "ގުންޑާ ރާޖް"އިންނެވެ. އޭރު ކައިވެންޏާއިމެދު އެއްވެސް ވަރަކަށް ނުވިސްނާކަމަށާއި ނަމަވެސް ދެ ތަރިންގެ ލޯބީގެ ގުޅުން ކައިވެންޏާ ހަމައަށް ދާނެކަމުގެ ޔަގީންކަން އޭރުވެސް އޮތްކަމަށް ބަތަލާވަނީ ބުނެފައެވެ.
އަޖޭއާއި ކާޖޮލްގެ ކައިވެނިކުރެވުނީ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރުކަމުން ކާޖޮލްގެ ކައިވެނީގެ ނިންމުމާމެދު ވަރަށްގިނަ ބަޔަކު އޭރު ސުވާލު އުފެއްދިކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. އެހެންނަމަވެސް ދެ ތަރިންގެ ކައިވެނިވެގެންދިޔައީ ކާޖޮލްގެ ފިލްމީ ކެރިއަރުގެ މިސްރާބު ތަފާތުގޮތަކަށް ބަދަލުކޮށްލި ކާމިޔާބު ނިންމުމެއް ގޮތުގައި ބަތަލާވަނީ ސިފަކޮށްފައެވެ. ކައިވެންޏަށްފަހުވެސް ދެ ތަރިން އެކީގައިވަނީ ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. އޭގެތެރޭގައި، "ދިލް ކިޔާ ކަރޭ"، "ރާޖޫ ޗަޗާ"، އަދި ފިލްމު "ތަންހާޖީ" ހިމެނެއެވެ. ކާޖޮލް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 29ގައި ނެޓްފްލިކްސްގައި ޕްރިމިއަކުރާ ފިލްމު "ލަސްޓް ސްޓޯރީސް2"އިންނެވެ.