22 Jun 2023, 08:58
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމަށް މިއަހަރު ހުޅުވާލި ފުރުސަތުގެ ދާއިމީ ލިސްޓް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އިއްޔެ އާންމުކޮށްފިއެވެ.
މިއަހަރު ލޯނު ލިބޭ ކުދިންގެ ދާއިމީ ލިސްޓު ޝާއިއު ކޮށްފައި ވަނީ އެ މިނިސްޓްރީގެ ވެބްސައިޓުގައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަ ކުރި ގޮތުގައި ސްޓޫޑެންޓް ލޯނަށް މިއަހަރު ހުޅުވާލި ފުރުސަތުގައި ޖުމުލަ 1275 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ.
މިދިޔަ ދިރާސީ އަހަރު މަތީ ސާނަވީ އިމްތިހާން ނިންމި ދަރިވަރުންނަށް އިނާމް ދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ވެސް ލޯން ދޫކުރައްވާނެ ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގައި ސަރުކާރުން ސްޓޫޑެންޓް ލޯންގެ ގޮތުގައި ހުޅުވާލީ 20 ފުރުސަތެވެ.
މި ފުރުސަތުތަކަށް 1500 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފައިވެއެވެ.
މި ވެރިކަމުގައި މިހާތަނަށް މަތީ ތައުލީމު ހޯދުމަށް ޓަކައި ޖުމުލަ 3261 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.