ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވި ޖަލްސާއެއް ނުބޭއްވޭތާ ދެ ދުވަސް ފަހުން މާދަމާއަށް ޖަލްސާއެއް ތާވަލްކޮށްފިއެވެ.

މާދަމާ ބާއްވަން ނިންމާފައިވާ ޖަލްސާގެ އެޖެންޑާ މިހާރު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. އެ އެޖެންޑާގައި ވާގޮތުގައި މާދަމާ އޮންނާނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނޭ ނިސްބަތައް ގެނެވޭ ބަދަލާމެދު ބަހުސް ކުރުމެވެ.

މި ބަހުސަށް ފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނި ވަޑައިގަންނަވާނޭ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތުދޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުނީ މަޖިލިސް ކޮންޓްރޯލް ކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރަައީސް އީވާ އަބްދުﷲ ވަކިކުރަން ހުށަހެޅި މައްސަލަތަކާ ގުޅިގެން ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެވަޑައިގަތުމާ ގުޅިގެންނެވެ.

ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަތުމަށް ފަހު ނަޝީދު އެ މަސައްކަތް ހަވާލުކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއާއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އަފީފަށް ރިޔާސަތު ބެލެހެއްޓޭ ތިން ޖަލްސާ ވަނީ ބާއްވާފައެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް ނުބާއްވައެވެ.