ވިއެނާ (އެޕްރީލް 30): ގައްޒާފީގެ ދައުރުގައި ލީބިޔާގެ ބޮޑުވަޒީރު ކަމާއި ތެލާ ބެހޭ ވަޒީރުކަން ކުރެއްވި ލީބިޔާގެ ޝަޚްސިއްޔަތެއް ކަމަށްވާ ޝުކްރީ ޣާނިމް އަވަހާރަވެފައިވަނިކޮށް އޭނާގެ ހަށިގަނޑު ޔޫރަޕްގެ ޑަނުބް ކޯރުން ފެނިއްޖެވެ.

އޮސްޓްރިޔާގެ ވެރިރަށް ވިއެނާގެ ފުލުހުން ބުނި ގޮތުގައި ޣާނިމްގެ ހަށިކޮޅު ޑަނުބް ކޯރުގައި އޮއްވައި ފެނުނީ މިއަދު ހެނދުނު އެވެ. ޣާނިމްއަކީ އިޤްތިސާދާއި ވިޔަފާރީގެ ދާއިރާ އިން އެމެރިކާގައި މަތީތަޢްލީމް ޙާސިލްކުރައްވައިގެން ހުންނެވި ވަރަށް ތަޖްރިބާކާރު ޝަޚްސިއްޔަތެކެވެ.

އޭނާ ލީބިޔާގެ ބޮޑުވަޒީރު ކަމުގައި ހުންނެވީ 2003 އިން 2006 އަށެވެ. އެއަށް ފަހު 2006 އިން 2011 އަށް ލީބިޔާގެ ތެލާ ބެހޭ ވަޒީރު ކަމުގެ މަޤާމުގަ އާއި ލީބިޔަން ނެޝަނަލް އޮއިލް ކޮންޕެނީގެ މެނެޖިންގް ޑިރެކްޓަރު ކަމުގެ މަޤާމު އޭނާ އަދާކުރެއްވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ލީބިޔާގެ ރައްޔިތުން ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ތެދުވިތާ ދުވަސްތަކެއް ފަހުން ޣާނިމް، ޣައްޒާފީގެ ވެރިކަމުގެ ނިޒާމާ ވަކިވެވަޑައިގެން އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ދިރިއުޅުއްވަން ފެއްޓެވި އެވެ. އުމުރުން 69 އަހަރުގެ ޣާނިމްގެ މަރުގެ ޙަޤީޤަތް ހޯދުމަށް ޓަކައި އޭނާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހެއްދުމަށް ހަމަޖެހިފައިވާ ކަމަށް ވިއެނާގެ ފުލުހުންގެ ތަރްޖަމާން ރޯމަން ހެސްލިންގަރ ވިދާޅުވި އެވެ.

ނުރަސްމީ ރިޕޯޓްތައް ބުނާ ގޮތުން ޣާނިމް އަވަހާރަވެފައި ވަނީ ވިއެނާގައި އޭނާ ދިރިއުޅުއްވި ލަގްޒަރީ އެޕާޓްމެންޓްގައި ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުން ޣާނިމްއަށް ހާޓްއެޓޭކް ޖެހިވަޑައިގަތީ ޑަނުބް ކޯރުގެ ކައިރީގައި އޭނާ ހުންނަވަނިކޮށެވެ. ނަމަވެސް މިރިޕޯޓްތަކުގެ ސައްޙަކަން ވިއެނާގެ ފުލުހުން ކަށަވަރުކޮށެއްނުދެ އެވެ. ޣާނިމް ދިރިއުޅުއްވާ އެޕާޓްމަންޓް ހުންނަނީ ޑަނުބް ކޯރުގެ އައްސޭރީގަ އެވެ.

ޣާނިމްއަކީ ލީބިޔާގެ އަވަހާރަކޮށްލާފައިވާ ޒަޢީމް މުޢައްމަރުލް ޤައްޒާފީގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ލީބިޔާގެ ވަރަށް އިސް ފަންނީ މަޤާމްތަކެއް ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޣާނިމް ފަސްދާނުލުމަށް ޓަކައި އޭނާގެ ހަށިކޮޅު ލީބިޔާ އަށް ގެންދިޔުމަށް އޭނާގެ ޢާއިލާ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)