މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އިވާން ވެންކޯވް ކޮލޭވްއާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ.

މާޒިޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މި ސީޒަނުގައި އެ ކްލަބާ ހަވާލުވި އިވާންއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ އޭނާ އާއި ކްލަބުން ވާހަކަދެއްކުމަށްފަހު ކަމަށާއި ކްލަބަށް އޭނާ ހޯދައިދިން ކާމިޔާބީތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިސީޒަން މާޒިޔާ އިން ފެށީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކުއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާ އިރު، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބުރު ސްޕޯޓްސް ކްލަބު އަތުން ވަނީ ބަލިވެފައެވެ. ބުރަކީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ކްލަބެކެވެ.

ބުރު އަތުން ބަލިވި ނަމަވެސް މާޒިޔާ އިން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އިވާން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން ޗެރިޓީ ޝީލްޑް ވެސް މާޒިޔާއަށް ކާމިޔާބުކޮށްދީފައެވެ.

މާޒިޔާ އިން ބުނީ ކްލަބަށް އިރުޝާދު ދިނުމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް އެ ކްލަބު ކުރަމުންދާ ކަމަށާއި އެކަމުގެ ތަފްސީލުތައް ހާމަކުރަމުންދާނެ ކަމަށެވެ.