ވ. އާރަށް މައްސަލައިގެ ތަހުގީގު މަރުހަލާގައި ރައީސް އަބްދުالله ޔާމީން ދެއްކެވި ވާހަކަތައް ވެސް އެ މަނިކުފާނާ ދެކޮޅަށް ބޭނުންކޮށްފައިވާތީ ދައުލަތުގެ ނިޔަތް ގޯސް ކަމަށް ދިފާއީ ވަކީލް އަބްދުالله ސިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ޔާމީން މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ވަނީ މިއަދު ހައި ކޯޓުގައި އިސްތިއުނާފީ ހުރިހާ ނުކުތާއެއް ހުށަހަޅައި ނިންމާލާފައެވެ.

ޖުމްލަ 14 ނުކުތާގެ މައްޗަށް ބިނާކޮށްފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން ދިފާއީ ވަކީލް ސިޔާޒް ވިދާޅުވީ ތަހުގީގަށް އެއްބާރުލުންދީ ހެޔޮނިޔަތާއިގެން ދައްކާ ވާހަކަތައް ވެސް ދައުލަތުން ބޭނުންކުރަނީ ޔާމީނާ ދެކޮޅަށް ކަމަށެވެ.

"ދައުލަތުން ބޭނުންކޮށްފައިހުރީ ދިފާއުން ދައްކާފައިހުރި ވާހަކަތައް ދިފާއާ ދެކޮޅަށް ބޭނުންކޮށްފައިހުރީ. އޭގެ ތެރޭގައި އަހްމަދު އަދީބް އަބްދުލްގަފޫރު އަތުން ފައިސާ ހޯދަން އެ ފަރާތުގެ އަތުގައި ހުރި ފައިސާ ހުރެގެން އެކަމާ ބެހޭ ގޮތުން ދެއްކި ވާހަކައާއި މިފަދަ ހުރިހާ ވާހަކައެއް ބޭނުންކުރީ ދެކޮޅަށް. ހަގީގަތުގައި ދައުލަތުގެ ހެޔޮނިޔަތް އަދި ތަހުގީގުކުރާ ފަރާތުގެ ހެޔޮނިޔަތް ނެތްކަން އަޅުގަނޑުމެނަށް އެނގޭތީ އެކަމާ ގުޅިގެން އަޅުގަނޑުމެން ދިނިން ތަހުގީގަށް ބަޔާނެއް," ސިޔާޒް ވިދާޅުވިއެވެ.

ދިފާއީ ވަކީލު މި ނުކުތާ ގުޅުވާލީ ފަހުން ތަހުގީގުގައި ހަނުހުންނަން ނިންމެވި ސަބަބާއެވެ. އެގޮތުން އޭނާ ވިދާޅުވީ ތަހުގީގުގައި އިތުރަށް ވާހަކަ ނުދައްކައި ހަނު ހުރުމަށް ނިންމައި އެކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމަށް ނިންމީ ކަމަށެވެ.

ދައުލަތުގެ ނިޔަތާ މެދު ސުވާލު އުފައްދައި ދިފާއީ ވަކީލް އިތުރަށް ވިދާޅުވީ, ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވަކި ނަތީޖާއެއް ހާސިލް ކުރުމަށް ވަކި ހެކިތަކެއް އެއްކޮށްގެން ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ މައްސަލައިގެ ތަހްގީގް ފައިލް ބެލުމުން ކަމަށް ވެސް ސިޔާޒް ވިދާޅުވިއެވެ.

"މައްސަލައިގެ ފައިލް ބެލިއިރުގައި އަޅުގަނޑުމެނަށް ފާހަގަކުރެވުނު މި މައްސަލަތައް ތަހުގީގުކުރަން ފެށުމުގެ ކުރިން އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ބޭނުންވާނެ ކަންކަމަކީ ކޮބައިކަން ބަޔާންކޮށް އަދި ކުރާނެ ދައުވާތައް ބަޔާންކޮށް ދައުވާގެ ޗާޓެއް ބަޔާންކޮށްފައި އޮތް," ސިޔާޒް ވިދާޅުވިއެވެ.

ދިފާއުގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލުމަށްފަހު ޔާމީންގެ ވާކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު ޖަމީލް ވިދާޅުވީ, ދައުލަތުގެ ރައްދު ހުށަހެޅުމަށް މާދަމާ އަޑުއެހުމެއް ބާއްވައި ދެއްވުމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ކުރިއަށް އީދު ބަންދުގެ ގިނަ ދުވަސްތަކެއް އޮތުމުން ކަމަށެވެ. އަދި މާދަމާ އަޑުއެހުމެއް ބާއްވައިފި ނަމަ އީދު ބަންދުގެ ކުރިން މައްސަލައިގެ އަޑުއެހުންތައް ނިންމާލެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުން ވަނީ މި ފުރުސަތު ފަހިކޮށްދޭން ދެކޮޅުހައްދަވާފައެވެ. އަޑުއެހުން ނުބާއްވަން ނިންމަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ, މައްސަލައިގެ ތާވަލު ވާނީ ދުރާލާ ތައްޔާރު ކޮށްފައި ކަމަށާއި އެގޮތަށް ކުރިޔަށް ދާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ އަވަސްކުރަން އެމަނިކުފާނުގެ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.