ރާއްޖެއަށް މަކިޓާގެ އުފެއްދުންތައް ތައާރަފްކުރިތާ 25 އަހަރުފުރުމުގެ މުނާސަބަތުގައި އެސްޓީއޯއިން މަކިޓާގެ ޓޫލްސްތަކަށް ޙާއްޞަކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނަކީ ރާއްޖެއަށް މަކިޓާގެ އުފެއްދުންތައް ވިއްކަން ފެށިތާ 25 އަހަރު ފުރުމުގެ އިތުރުން މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މިއަދުން ފެށިގެން ޖުލައިމަހުގެ 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ. މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެ ޝޯރޫމުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ މެއިމަހުގެ ނިޔަލަށް މަކިޓާ ޝޯރޫމުން އެންމެ ގިނައިން ތަކެތި ގަތް ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް ދީފައެވެ.

އެސްޓީއޯއިން ބުނީ މިއަދު މަކިޓާ ޝޯރޫމުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

މަކިޓާގެ އުފެއްދުންތަކަކީ ރާއްޖޭގެ ބާޒާރުގައި ވަރަށްބޮޑު އިތުބާރެއް ލިބިފައިވާ އުފެއްދުންތަކެކެވެ. ޙާއްޞަ ގޮތެއްގައި މަކިޓާ ޕަވާ ޓޫލްސްތަކަކީ ރާއްޖޭގެ އޮޑިދޯނިފަހަރު ބަންނަ މީހުންގެ މެދުގައި މަޤްބޫލު އުފެއްދުންތަކެކެވެ.