ކޮންމެ އަހަރެއްގެ ބޮޑު ޢީދު ޗުއްޓީއަކީ ވެސް ގިނަ ބައެއް އެކި ތަންތަނަށް ދަތުރުކޮށް މަޖާކޮށްލައި ވަގުތު ހޭދަ ކޮށްލުމަށް އިންތިޒާރު ކުރާ ބޮޑު ޗުއްޓީއެކެވެ. މި އަހަރުގެ ބޮޑު ޢީދު ޗުއްޓީ ގާތް ވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެކި ސަރަހައްދުތަކަށް ދަތުރުތައް ރާވަމުންނެވެ.

ނަމަވެސް އެއްވެސް ތަނަކަށް ނުދެވި ވެސް އެތައް ބަޔަކު އެބަ ތިއްބެވެ.

މި އަހަރުުގެ ބޮޑު އީދާ ދިމާކޮށް ގިނަ ބަޔަކަށް ދިގު ޗުއްޓީއެއް ލިބެއެެވެ. އެއާ އެކު އެތައް ބަޔަކު އަންނަނީ އަތޮޅުތަކުގެ ރަށްތަކަށް ދަތުރުތައް ރާވަމުންނެވެ. އަތޮޅު ތެރޭގެ ޢީދު ހަރަކާތްތަކަކީ ކޮންމެހެން ވެސް ތަޖުރިބާ ކޮށްލަން ޖެހޭ އެއްޗެކެވެ. އަނެއް ބަޔަކު ޢީދު ޗުއްޓީއަށް ދަނީ ރާއްޖެއިން ބޭރަށެވެ.

ނަމަވެސް ޢީދު ޗުއްޓީއާ ދިމާކޮށް އެއްވެސް ތަނަކަށް ނުދެވި ވެސް އެތައް ބަޔަކު އެބަތިއްބެވެ.

"އާންމުކޮށް ކޮންމެ އަހަރެއްގެ ޢީދު ޗުއްޓީއާ ދިމާކޮށް ރަށަށް ދެވޭތޯ މަސައްކަތް ކުރަން. ރަށުގައި އޮންނާނެ އީދާ ދިމާކޮށް ވަރަށް ކުޅިވަރުތައް. އެކަމު މި ފަހަރު ދެވޭގޮތެއް ނުވި،" މާލޭގައި އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށްވާ ހަސަން އިޔާޝް ބުންޏެވެ.

އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާއިރު ޢީދު ޗުއްޓީ ފަދަ ޗުއްޓީތައް ހޯދުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންވީމާ އަހަރީ ޗުއްޓީއާއި ޢީދު ޗުއްޓީ ދިމާ ކުރުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް މި ފަހަރު މުވައްޒަފުން މަދުވުމުން އިޔާޝްއަށް ޗުއްޓީއަށް ދެވޭ ގޮތެއް ނުވިއެވެ.

ޢީދު ޗުއްޓީގައި ދެ ދުވަހެއް ބަންދަށް ލިބުނު ނަމަވެސް އެއްވެސް ތަނަކަށް ނުދެވޭތީ މި ފަހަރު ޗުއްޓީގައި ހުންނާނީ މާލޭގައި ކަމަށް އޭނާ ފާހަގަކުރެއެވެ.

ޢީދު ޗުއްޓީގައި މާލެއަކީ ގިނަ ފަހަރަށް ފަޅަށް އޮންނަ ތަނެކެވެ. އެހެންވީމާ މާލޭގައި ތިބޭ މީހުންނަށް ވެސް ޢީދު ބަންދުގައި މާ ގިނަ ކަންތައްތަކެއް ކުރެވޭކަށް ނޯވެއެވެ.

"ހުރިހާ ރަށްޓެހިން ވެސް މި ފަހަރު އެކި ތަންތަނަށް ދާނެ އީދަށް. އެހެން ނޫން ނަމަ އެންމެން އެކީގައި ކުޑަގިރިއަށް ނޫނީ ކައިރި ރަށަކަށް ދާނީ. އެކަމު މި ފަހަރު އެގޮތަށް ކަންތައް ކުރެވޭކަށް ނެތް،" މާލޭގައި މަޑުކުރަން ޖެހިފައިވާ އާއިޝާ އީސާ ބުންޏެވެ.

ޢީދު ޗުއްޓީގައި މާލެއިން މީހުން މަދުވާތީ މި ފަހަރު އާއިޝާ މަސައްކަތް ކުރަނީ އޭނާގެ އާއިލާ މާލެ ގެނައުމަށެވެ. އަދި، އޭނާގެ އާއިލާގެ ބައެއް މެންބަރުން ޑޮކްޓަރަށް ދެއްކުމަށް މިއީ ފަސޭހަ ވާނެ ދަނޑިވަޅެއް ކަމުގައި އޭނާ ދެކެއެވެ. އެއާ އެކު ކުރިންބައި އެޕޮއިންޓްމެންޓްތައް ވެސް ވަނީ ހަމަޖައްސާފައެވެ.

ރަށުން މީހުން އައިސް މި ދުވަސްކޮޅުގައި ބޭރުގައި އުޅެން ފަސޭހަ ވާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ.

މި ފަހަރުގެ ޢީދު ޗުއްޓީގައި މާލޭގައި ނުވަތަ އަމިއްލަ ރަށުން އެހެން ތަނަކަށް ނުދެވިފައި ތިބީ ކިތައް މީހުން ހެއްޔެވެ؟ އަދި، ތަނަކަށް ނުދެވޭ މީހުން އެހެން ތަނަކަށް ނުދެވުނީ ކީއްވެ ހެއްޔެވެ؟