ވެރިކަމުގައި އޮތް މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ޓަކައި ސިޓީފުޅެއް ލިޔުއްވައި އޭގައި ސޮއިކުރެއްވުމަށް ފަހު އެކަމަށް ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުކުރެއްވި ގަލަންކޮޅު ހަވާލުކުރެއްވީ ހަސަން ލަތީފާ ކަމަށް މިއަދު އޭނާ ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްއިން އެ ޕާޓީ އުފައްދަން ހުއްދަ ނުދޭތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ޑިމޮކްރެޓްސްއާ ގުޅޭނެ އިރަކާ ގުޅޭގޮތުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ލަތީފް ވިދާޅުވީ "ދެން ރައީސް ނަޝީދު ވަކިވެވަޑައިގަންނަވަން ސިޓީ ލިޔުއްވީ އަދި ސޮއިކުރެއްވީ ގަލަން ދެއްވީ އަޅުގަނޑަށް،" އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ޑިމޮކްރެޓްސްއަށް މަރުހަބައި ކިޔައި، ގުޅިވަޑައިގަތުމުގެ ދައުވަތު ދިނުމަކީ ވަރަށް ދުރުކޮށްލެވުން ކަމަށެވެ. އެ މަނިކުފާނަކީ ޑިމޮކްރެޓްސްއާ އެއް މަގަކުން ހިންގަވާ މެމްބަރުންނާ ވަރަށް އަރިސް ބޭފުޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް އަދި އަމުދުން ކިހިނެއްތޯ އަޅުގަނޑު މަރުހަބާ ދަންނަވާނީ. އަޅުގަނޑަށް ނުކެރޭނެ ރައީސް ނަޝީދަށް މަރުހަބާ ދަންނަވާކަށް އިންވިޓޭޝަނެއް ފޮނުވާކަށް މި ޕާޓީއާ ގުޅިވަޑައިގަތުމަށް. މި ދެންނެވީ ރައީސް ނަޝީދު ސޮޮއިކުރެއްވި ގަލަން ދެއްވީ އަޅުގަނޑު އަތަށް،" އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަކީ އެމްޑީޕީގެ ތެރޭގައި ތިއްބެވި ކޮރަޕްޝަނާއި ވައްކަމާ ދެކޮޅު އާންމު މެމްބަރުން ވެސް އެމްޑީޕީ ދޫކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައާ ގުޅޭގޮތުން އޭނާ ވިދާޅުވީ ކެނޑީޑޭޓަކު ނެރެވޭ މިންވަރަށް ވަގުތު ކުޑަތަން ނުވަނީސް އީސީގެ ތެރެއިން ޕާޓީ ރަޖިސްޓްރީ ކުރެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާކަމަށެވެ.

"ވަރަށް ގިނަ ތަޖުރިބާތަކަކާއެކީގައި އަޅުގަނޑުމެން ވެސް އައިސް މި ތިބީ ޕާޓީ އުފައްދަން އިނގޭތޯ. އެހެންވީމާ އަޅުގަނޑަކަށް ޝައްކެތް ނެތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކެނޑިޑޭޓެއް ހުށަހަޅަން އެ ފުރުސަތު އިލެކްޝަންސް ކޮމިޝަންގައި ހުޅުވައިލައިފައި އޮތް ފުރުސަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ކެނޑީޑޭޓަކު ހުށަހެޅޭ މިންވަރަށް މި ޕާޓީ ރަޖިސްޓްރީވާނެކަމާމެދު،" އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއިން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައެއް މެމްބަރުން އެ ޕާޓީ އުފައްދަން ހުރަސްއަޅަމުން ގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މިއަދު އެ ޕާޓީ އުފައްދާ ޖަލްސާ ބާއްވަން ހުއްދަ ދިނުމާ މެދު ގޮތެއް ނިންމަން ބޭއްވި އީސީގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ވަނީ ނުބޭއްވިފައެވެ.