30 Apr 2012, 21:57
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ދާތޯ މުހައްމަދު ޒަކީ(ނަޒާކީ ޒަކީ) އެމްޑީޕީ އިން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެންފި އެވެ.
ޒަކީ ސޮއި ކުރައްވައި އެމްޑީޕީގެ އިންތިހާބީ ރައީސް ޑރ. އިބްރާހީމް ދީދީ އަށް މިރޭ ފޮނުއްވާފައި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ވިސްނުމުގެ މިސްރާބު ހުރި ގޮތުން ޕާޓީ އުފެދިފައިވާ މަގުސަދުތައް ކުރިއަށް ގެންދިއުމަށް، އަދި ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކުރުމުގެ ފުރުސަތު ގެއްލިއްޖެ ކަމަށް ގަބޫލްކުރެވޭތީ މެންބަރުކަމުން ވަކިކޮށް ދިނުމަށް އެދޭ ކަމަށެވެ.
"...ފާއިތުވި ދުވަސްތަކުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގާފައި ވަނީ ޕާޓީ އުފެދިފައިވާ މަގުސަދުތަކާއި އަދި ޕާޓީގެ އަސާސްތަކާއި އެއްގޮތަށް ކަމަށް ގަބޫލް ކުރެވޭ ކަށް ނެތް،" ސަން އަށް ވެސް ކޮޕީ ލިބިފައިވާ ސިޓީގައި ޒަކީ ވިދާޅުވެފައިވެ އެވެ.
ޒަކީގެ ސިޓީގައި ވިދާޅުވެފައި ވަނީ މިހާރު ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ އެމްޑީޕީގެ ތެރޭގައި ވަކިބައެއްގެ ވިސްނުމާއި ފިކުރަށް ޖާގަ ނެތްކަމަށެވެ.