އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް އެ ބަޔަކު އިޚްތިޔާރު ކުރާ މަގަކުން ކުރިއަށް ދިޔުމުގެ މަގުފަހުވެގެން ގޮސްފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މި ވަގުތު އެމްޑީޕީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި އޭނާގެ އަމިއްލަ ނަމުގައި ރައީސް ނަޝީދަށް އަބަދު ވެސް ކާމިޔާބީއަށް އެދޭ ކަމަށެވެ.

އަދި, މިއަދަކީ ހިތާމަވެރި ދުވަހެއް ކަމުގައި ވީނަމަވެސް، ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަކީ އެ ބަޔަކު އިޚްތިޔާރު ކުރާ މަގަކުން ކުރިއަށް ދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވެސް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ފައްޔާޒު ވަނީ ރައީސް ނަޝީދުގެ ލީޑަޝިޕުގެ ދަށުން އެމްޑީޕީން ހޯދި ކާމިޔާބީއަށާއި، އެ މަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުން އަމިއްލަފުޅަށް ވަކިވެވަޑައިގެންފައި މިވަނީ، އެ މަނިކުފާނަށް ތާއިދު ކުރައްވާ މެންބަރުންތަކެއް ޕާޓީން ވަކިވުމަށް ފަހު އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަޝީދު ޕާޓީން ވަކިވުމާ އެކު އެ ޕާޓީގެ ރައީސްގެ މަގާމު މިހާރު ވަނީ ހުސްވެފައެވެ.