21 Jun 2023, 16:42
ފޮތް ލިޔުމަށާއި ރިސާޗް ހެދުމަށް 12 ފަރާތަކަށް ޖުމްލަ 3.9 މިލިއަން ރުފިޔާ ދޫކުރުމަށް ގައުމީ ޔުނިވަސިޓީން ނިންމައިފިއެވެ.
ގައުމީ ޔުނިވަސިޓީގައި މިއަދު ބޭއްވި ހަފުލާއެއްގައި ވަނީ އެ ޔުނިވަސިޓީގެ ގްރޭންޓްސް ޕްރޮގްރާމްގެ ތެރެއިން އެހީ ލިބުނު 12 ފަރާތަށް ލިޔުން ހަވާލު ކޮށްފައެވެ.
ފޮތް ލިއުމަށް އެހީ ހޯދުމަށް އެދި ނުވަ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު ޔުނުވަސިޓީގެ ބުކް ރައިޓިން ގްރާންޓްސް ކޮމެޓީން ރިވިއު ކުރުމަށްފަހު އެހީ ދިނުމަށް ނިންމާފައިވަނީ ހަތަރު ފަރާތަކަށެވެ. އެގޮތުން އެ ހަތަރު ފަރާތަށް ޖުމްލަ 2،55،500 (ދެ ލައްކަ ފަންސާސް ހާސް ފަސްސަތޭކެ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރިސާޗް ގްރާންޓަށް އެދި 11 ފަރާތެއް ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު އެހީ ދީފައިވަނީ އަށް ފަރާތަކަށެވެ. އެ އަށް ފަރާތަށް ވަނީ 3,666,284 (ތިން މިލިއަން ހަލައްކަ ފަސްދޮޅަސް ހަ ހާސް ދުއިސައްތަ އަށްޑިހަ ހަތަރު) ރުފިޔާ ދީފައެވެ.
އެގޮތުން ގްރާންޓްސްގެ ގޮތުގައި ޔުނިވަސިޓީން ޖުމްލަ 3،916،784 (ތިން މިލިއަން ނުވަ ލައްކަ ސޯޅަ ހާސް ހަތް ސަތޭކަ އައްޑިހަ ހަތަރު) ރުފިޔާ ދޫކުރުމަށް ނިންމާފައިވީ ނަމަވެސް ވަކިވަކި ޕްރޮޖެކްޓްތަކަށް ދޫކުރުމަށް ނިންމާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ހަފުލާގައި ގައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ގްރޭންޓްސް ދިނުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ ޔުނިވަސިޓީގެ ތަސައްވުރާ އެއްގޮތަށް އިލްމު އުފައްދައި، ފެތުރުން ކަމަށެވެ.
"ބުކް ރައިޓިން ގަރާންޓް ދިނުމުގެ މަގުސަދަކީ ލިޔުންތެރިކަން ކުރިއަރުވައި އަދި ފޮތްތެރިކަން ޔުނިވަސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުން. ހަމައެހެންމެ ރިސާޗް ގްރާންޓް ދިނުމުގެ މަގުސަދަކީ ޔުނިވަސިޓީ ކޮމިއުނިޓީގައި ދަރިވަރުންނާއި މުވައްޒަފުން ރިސާޗް ކުރުމަށް ހިތްވަރުދީ ރިސާޗް ކުރުމުގެ ސަގާފަތެއް ޔުނިވަސިޓީގައި އަށަގެންނެވުން," ޝެހެނާޒް ވިދާޅުވިއެވެ.