21 Jun 2023, 17:16
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފީއެއް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައި އެގޮތަށް ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގަން ނިންމާފައިވާ ފީ އެކި ހާލަތްތަކުގައި ތަފާތުވެއެވެ.
ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީތައް:
- ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ 15 ރުފިޔާ
- އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ 50 ރުފިޔާ
- ޓޫރިސްޓް ވިސާ އޮތް ބިދޭސީއެއް ނަމަ 75 ރުފިޔާ
- ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ 500 ރުފިޔާ
މީގެ އިތުރުން ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތަކެއްވެސް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީންނާއި ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުންގެ އިތުރުން އުމުރުން 18 އަހަރު ނުވާ ބިދޭސީ ކުޑަކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.
ފީ ނެގުން އިސްތިސްނާވާ މީހުންގެ އިތުރުން ޑިޕްލޮމެޓިކް ކާޑު އޮންނަ ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުގަގަން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ.
މީގެކުރިން ބޭއްވި އެ ކައުންސިލްގެ ޖަލްސާއެއްގައި ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް ނިންމާފައިވަނީ ރާއްޖެ އެތެރެވާ ބިދޭސީންގެ އަދަދު އިތުރުވަމުން ދާތީ އެކަމާ މެދު ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މިކަމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކްތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.