21 Jun 2023, 16:49
ލަންޑަން (21 ޖޫން 2023): ޔުކްރެއިން ހަނގުރާމަ ކިތަންމެ ދިގުލައިގެން ދިޔަ ނަމަވެސް އެމެރިކާ އޮންނާނީ ޔުކްރެއިނުގެ ފަހަތުގައި އެގައުމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމުގެ ގޮތުގައި ކަމަށް އެމެރިކާ ބުނެފިއެވެ.
ޔުކްރެއިން އަލުން ބިނާކޮށް އާރާސްތުކުރުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތް އިސްނަގައިގެން ލަންޑަނުގައި ބާއްވާ މަހާސިންތާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރާހާ ހިނދަކު އެމެރިކާ އޮންނާނީ ޔުކްރެއިނުގެ ފަހަތުގައި ކަމަށާއި ހަނގުރާމަ ކިތަންމެ ދިގުލައިގެން ދިޔަނަމަވެސް ޔުކްރެއިންނަށް އެހީވުމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތަށް ބަދަލު ނާންނާނެކަމުގައެވެ.
މި މަހާސިންތާގައި ވާހަކަ ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކު ވިދާޅުވީ ރަޝިއާ ޔުކްރެއިނަށް އިސްވެ ހަމަލާދީ ޔުކްރެއިން މުޅިން ފުނޑުފުނޑުކޮށްލާފައިވަނީ އދ. އާއި ދުނިޔޭގެ ކުރިމަތީގައި ކަމަށާއި ރަޝިއާ މައިތިރިކުރުވުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ނާކާމިޔާބު ވުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
ސުނާކު ވިދާޅުވިގޮތުގައި ޔުކްރެއިނަށް ހަމަލާދީ ޔުކްރެއިން ފުނޑުފުނޑުކޮށްލީ ރަޝިއާ ކަމަށާއި އެހެންކަމުން ޔުކްރެއިން އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ޒިންމާ އުފުލަންޖެހޭނީވެސް ރަޝިއާ އެވެ. ނަމަވެސް މިކަން ރަޝިއާ އަށް މަޖުބޫރު ކުރެވޭނެގޮތެއް ނެތުމާއި ރަޝިއާގެ އުދުވާނު ހުއްޓުވޭނެ ގޮތެއް ނެތުމަކީ ހުޅަނގަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްގޮންޖެހުންކަން އިނގިރޭސި ބޮޑުވަޒީރު ފާހަގަ ކުރެއްވިއެވެ. މި މަހާސިންތާގައި ވާޗުއަލްކޮށް ޔުކްރެއިންގެ ރައީސް ވްލަދިމިޔަރ ޒެލެންސްކީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުހައްލިލުން ދެކޭގޮތުގައި ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ހަމްދަރުދީ ޔުކްރެއިން އަަށް ނުލިބެއެވެ. ހަމްދަރުދީ ޔުކްރެއިން އަށް ނުލިބެނީ މި ހަނގުރާމައިގާ ޔުކްރެއިންގެ ފަހަތުގައި އެމެރިކާއާއި ނޭޓޯ އޮތުމުންނެވެ.
އަދި މިއީ ޔުކްރެއިން ނޭޓޯގައި ބައިވެރިކޮށްގެން ރަޝިއާ އަސްކަރީ ގޮތުން ވަށާލައި ރަޝިއާ ހިސާރުކުރުމަށް ދުރާލައި ރާވައިގެން އެމެރިކާ ހިންގަމުންގެންދިޔަ ދުނިޔޭގެ ބާރުވެރިކަން ހޯދުމުގެ މަޝްރޫއެއް ފުނޑުނޑު ކޮށްލުމަށް ރަޝިއާ ފެށި ޖިއޮޕޮލިޓިކަލް ހަނގުރާމައެއްކަން ގިނަ ގައުމުތަކުން ދެކޭތީއެވެ. އަދި މިއީ ރަޝިއާއާއި އެމެރިކާއާ ދެމެދު ނުސީދާ ގޮތެއްގައި ކުރެވޭ ޖިއޮޕޮލިޓިކަލް ހަނގުރާމައެއް ކަމަށްވެސް ވާތީއެވެ.
ޔުކްރެއިން އަލުން ބިނާކޮށް އާރާސްތުކުރުމުގެ ނަމުގައި ލަންޑަނުގައި ބާއްވާ މަހާސިންތާގައި މައިގަނޑު ގޮތެއްގައި ބައިވެރިވަނީ އެމެރިކާއާއި އެމެރިކާގެ ވަށައިގެން ސިޔާސީގޮތުން "އެނބުރޭ" ގައުމުތަކެވެ. މީގެތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ.
މި މަހާސިންތާ އަމާޒުކޮށްފައިވަނީ ޔުކްރެއިން އަލުން ބިނާކޮށް އާރާސްތުކުރުމަށްޓަކައި ޔުކްރެއިންއަށް 3 ބިލިޔަން ޑޮލަރުގެ ލޯނެއް ދިނުމަށެވެ. ޔުކްރެއިން ހަނގުރާމަ ނިމޭނެ ދުވަހެއް ނޭންގޭތީއާއި ޔުކްރެއިންގެ އިގްތިސާދު ހަނގުރާމައިގާ ފުނޑުފުނޑު ވެފައިވާތީ މިފަދަ ބޮޑު ލޯނެއް އަނބުރައި ދެއްކުމަކީ ކައިރި މުސްތަގްބަލެއްގައި ޔުކްރެއިން އަށް ފަސޭހަ ކަމަކަށް ނުވާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ހަނގުރާމަ ނިމި ޔުކްރެއިން އާއި ރަޝިއާއާދެމެދު ސުލްހަ ގާއިމް ނުކުރެވެނީސް ޔުކްރެއިން އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތްވެސް ނުފެށޭނެކަމަށް މުހައްލިލުން ދެކެއެވެ. ނަމަވެސް ހަނގުރާމައިގެ ސީދާ އަސަރު ނުކުރާ ސަރަހައްދުތަކުގެ އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅު ކުރުމަކީ ޔުކްރެއިންއަށް ކުރެވިދާނެކަމެކެވެ.
ރަޝިއާ ގެންދަނީ ވައިގެ މަގުން ޔުކްރެއިންއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަނެއްކޮޅުން ރަޝިއާ ހިފާފައިވާ ޔުކްރެއިނުގެ ސަރަހައްދުތައް މިނިވަންކުރުމުގެ ނަމުގައި ނޭޓޯގެ އެހީގައި ޔުކްރެއިން ފަށާފައިވާ ކައުންޓާ އެޓޭކްގައިވެސް ޔުކްރެއިންއަށް އަދި މާބޮޑު ކާމިޔާބީއެއް އަދި ނުލިބެއެވެ. މިއީވެސް އެމެރިކާގެ ވަރަށް ބޮޑު ބޮލުގެ ރިހުމެކެވެ.
ޔުކްރެއިން ބުނާގޮތުން ކައުންޓާ އެޓޭކްގައި އެގައުމުގެ ސިފައިންވަނީ ދުންބާސް ސަރަހައްދުގެ ހަތް ވިލެޖް ރަޝިއާގެ އަތްދަށުން މިނިވަންކޮށްފައެވެ. މިއީ ކުދިކުދި ވިލެޖްތަކެކެވެ. މި ހަތް ވިލެޖްގައި ހިމެނެނީ 90 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ.
ރަޝިއާ ބުނާގޮތުން ރަޝިއާ ސިފައިންވަނީ ޔުކްރެއިނުގެ އިރުމަތީގެ އިތުރު ސަރަހައްދެއް މިހަފުތާގައި ހިފައި އެސަރަހައްދުން ޔުކްރެއިން ސިފައިން ފައްސާލާފައެވެ. އަދި ކައުންޓާ އެޓޭކް ފެށުމަށް އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ޔުކްރެއިން އަށް ދިން ހަތިޔާރުތަކުގެ ބޮޑުބައި ހަލާކުކޮށްލާފައިވާނެ ކަމަށާ ނަތީޖާއެއްގެ ގޮތުން އިސްވެ ހަމަލާދިނުމުގެ ބަދަލުގައި ޔުކްރެއިން މިހާރު އިސްކަންދެނީ ދިފާއަށް ކަމަށް ރަޝިއާ ބުނެއެވެ.
ޔުކްރެއިނުން ފެށި ކައުންޓާ އެޓޭކްގެ ނަތީޖާ އެމެރިކާއާއި ނޭޓޯ ހީކުރިގޮތަށް ނުފެންނަ ކަމަށާއި މި ހަމަލާތަކުގައި ރަޝިއާ ފަހަތަށް ޖައްސާ ނުލެވިއްޖެނަމަ ޔުކްރެއިން ޖެހޭނީ ސުލްހައިގެ ވާހަކަތައް ރަޝިއާއާއެކު ފަށަންކަމަށް ބައެއް މުހައްލިލުން ވިދާޅުވެއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ރަޝިއާ ސިފައިން މިއަދުވަނީ ހުޅަނގުގެ ތިން ޑްރޯން ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދޭން އުޅުނު ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައެވެ. އެވުޒާރާއިން ބުނިގޮތުގައި މޮސްކޯއަށް ހަމަލާދިނުން ޔުކްރެއިނުން ފޮނުވި ތިން ޑްރޯންއެވެ. އެ ތިން ޑްރޯންވެސް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލިކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ. ޔުކްރެއިނުން މިކަމާބެހޭގޮތުން އަދި އެއްޗެއް ނުބުނެއެވެ.