21 Jun 2023, 13:48
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މިއަދު އެ ޕާޓީން ވަކިވެއްޖެއެވެ.
އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވަނީ ޕާޓީން ވަކިވިކަން އިއުލާނު ކުރައްވައިފައެވެ. އެގޮތުން، އެ މަނިކުފާނުގެ ސިޓީފުޅުގައި ބުނެފައިވަނީ މި ވަގުތު ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު އެމްޑީޕީން ވަކިވީ ކަމަށެވެ.
"އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ، އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" އެ މަނިކުފާނުގެ ސިޓީފުޅުގައި ވެއެވެ.
ނަޝީދު މިއަދު އަމިއްލަފުޅަށް އެމްޑީޕީން ވަކިވިއިރު، ހޯމަ ދުވަހު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވަނީ ޕާޓީގައި މަޑު ކުރައްވަނީ ރިޔާސީ އިންތިޚާބަށް ފަހު، އެމްޑީޕީގެ ކޮންޓްރޯލް ނަންގަވަން ވެގެން ކަމަށް ވިދާޅުވެފައެވެ. އަދި، އެކަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޓިކެޓު އެރުވުމާ ހަމައަށް ވެސް އެ ޕާޓީގައި އެންމެ މަގުބޫލު ބޭފުޅާއެވެ.
އެކަމަކު، ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް ފަހު، ނަޝީދުގެ ކޮންޓްރޯލް ވަނީ ޕާޓީން ގެއްލިފައެވެ. އެއާ އެކު، ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެ، ދި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން، އެ ޕާޓީގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝިފާޒު ވެސް އޭރު ވަނީ ޕާޓީން ވަކިވެފައެވެ. އެހެންވެ، މިހާރު އެމްޑީޕީގައި ރައީސެއް ވެސް އަދި ނައިބު ރައީސެއް ވެސް ނެތެވެ.
ޕާޓީ އުފެދުނީއްސުރެ އެންމެ މަގުބޫލު އެއް ބޭފުޅާގެ ގޮތުގައި ހުންނެވި ނަޝީދު އެމްޑީޕީން މިއަދު ވަކިވެފައިވާއިރު، މި ވެރިކަމާ ޖެހެންދެން އެ ޕާޓީގެ ފުލް ކޮންޓްރޯލް ވެސް އޮތީ އެ މަނިކުފާނުގެ އަތްޕުޅުގައެވެ.