21 Jun 2023, 14:57
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޖަލްސާތަކަށް ހާޒިރުނުވާން ތިން މެންބަރަކު ނިންމެވުމާ އެކު، އެ ކޮމިޝަންގެ މަސައްކަތްތަކަށް ހުރަސް އެޅުމުން އީސީގެ ރައީސް ފުއާދު ތައުފީގު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އެ ކޮމިޝަންގައި ފަސް މެންބަރުން ތިއްބަވާއިރު، ޖަލްސާއެއް ބޭއްވެނީ ތިން މެންބަރުން ހަމަވުމުންނެވެ.
އީސީގެ މެންބަރު، އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު މިއަދު ވަނީ ފުއާދުގެ ރިޔާސަތުގައި ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވާން ނިންމައިފައެވެ. އެހެންވެ، ދެން އެ ކޮމިޝަންގެ އެއްވެސް ޖަލްސާއެއް ނުބޭއްވޭނެއެވެ.
އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ފުއާދު މިއަދު "ސަން"އަށް ވިދާޅުވީ، ހިތްހަމަނުޖެހޭ ކަމެއް ދިމާވާއިރަށް ޖަލްސާއަށް ހާޒިރުނުވާން ނުނިންމޭނެ ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި، އެ ކަމުގެ ސަބަބުން މުހިއްމު މަސައްކަތްތަކަށް ހުރަސް އެޅޭތީ އޭނާ ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
"ހަމަ ހިތްހަމަނުޖެހޭ ކަމެއް ދިމާވާއިރަށް އެގޮތަކަށް ނުނިންމޭނެ އިނގޭތޯ. ކޮންމެ ގޮތެއް ވިޔަސް މި ދައުރުގައި ޖަލްސާއެއްގައި ބައިވެރިވާނަމަ ވާން ޖެހޭނީ އަޅުގަނޑުގެ ރިޔާސަތުގައި. އަޅުގަނޑަކީ މި ދައުރުގައި ރައީސަކަށް އައްޔަން ކޮށްފައިވާ ފަރާތަކީ،" އޭނާ ވިދާޅުވިއެވެ.
ޖަލްސާތަކުގެ ކޯރަމް ހަމަވިޔަ ނުދީ ހިފަހައްޓަން ނިންމައިފި ނަމަ، އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
އީސީ ހުއްޓުވާލާފައިވަނީ އެމްޑީޕީން ވަކިވި ސަރުކާރާ ދެކޮޅު މެންބަރުން އުފައްދަން މަސައްކަތް ކުރައްވާ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން މިއަދަށް ތާވަލު ކޮށްފައި އޮއްވައެވެ. ކުރިން އެ ކަމަށް ބޭއްވި ޖަލްސާގައި ވެސް އެ މެންބަރުން ވަނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އިނގޭތޯ، ޑިމޮކްރެޓްސް އުފެއްދުން ވެސް ލަސްވާތީ. ކޮމިޝަންގެ މަސައްކަތްތައް ހުއްޓޭތީ،"
ފުއާދު ވިދާޅުވީ، ވަކި ބޭފުޅަކު ރިޔާސަތު ބަލަހައްޓާނަމަ، ޖަލްސާއަށް ހާޒިރުނުވާން ނިންމުމަކީ ވަރަށް "ޒިންމާދާރުކަން ކުޑަ" ކަމެއް ކަމަށާއި އެއީ "ކުރެވިގެން ވާނެ ކަމެއް ނޫން" ކަމަށެވެ. އެހެންވެ، އީސީގެ މަސައްކަތްތައް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. ހާއްސަކޮށް، މި އަހަރުގެ އިންތިޚާބާ ގުޅޭ މަސައްކަތްތައް ބޭއްވޭނެ މަގެއް ހޯދަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބު ވެސް ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، ތިން މެންބަރުން ވަނީ ފުއާދު އީސީގެ ރައީސްކަމުން އިސްތިއުފާ ނުދެއްވަނީސް ދެން ޖަލްސާތަކުގައި ބައިވެރިނުވާނެ ކަމަށް އަންގައިފައެވެ.
އީސީގައި މަރުތަޅެއް އެޅުވުނުއިރު، ގާނޫނު ހަދާ މަޖިލީސް ވެސް މި ވަގުތު އޮތީ މަރުތަޅު އެޅުވިފައެވެ.
ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއް ފަހަރާ ހުށަހެޅުމުން ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެފައެވެ. އެހެންވެ، އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެކަމަކު، ރައީސާއި ނައިބު ރައީސް ނޫން މެންބަރަކަށް ރިޔާސަތު ބެލެހެއްޓެނީ ޖެހިޖެހިގެން ތިން ޖަލްސާގައެވެ.
އެހެންވެ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތި، މަޖިލިސް އޮތީ ހުއްޓިފައެވެ.