ދިވެހި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލްވުމުގައި އެ ދެ ބޭފުޅުން އެ ދެ މަޤާމުން ވަކި ކުރުމުން ޑީއާރުޕީ އިން ހިތާމަ ކުރާ ކަމަށް ބުނެފި އެވެ.

ޑީއާރުޕީ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީޕީ އަށް އިންތިޚާބު ކުރެވޭ ކޮންމެ ރައީސަކު ވެސް "ވަކި ފަރާތްތަކެއްގެ ނުފޫޒުގެ" ސަބަބުން މަޤާމުން ދުރަށް ދާން ޖެހޭ ކަމަށެވެ.

"އެމްޑީޕީ އިން ފެނުނު މިއަމަލުތަކަކީ ޑިމޮކްރަސީއަކަށް ހިޔަނިއެޅިގެން ދާނެ އަމަލުތަކެއް ކަމަށް ޑީއާރުޕީ އިން ދެކެމެވެ،" ޑީއާރުޕީގެ ބަޔާނުގައިވެ އެވެ.

ޑީއާރުޕީގެ ބަޔާނުގައި ބުނެފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ މި ވަގުތުގައި ހިންގުމުގައި "އިސްދައުރެއް އަދާކުރައްވަމުން ގެންދަ ވަނީ އިންތިޚާބުކުރެވިފައިވާ ބޭފުޅުންގެ ބަދަލުގައި އެކި މޭރުމުން އައްޔަންކުރެވިފައިވާ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން" ކަމަށެވެ.

"މިކަންކަމުން ދޭހަވަނީ އެމްޑީޕީގެ އެތެރޭގެ ޑިމޮކުރަސީ ނެތް މިންވަރެވެ،"

ޑީއާރުޕީ އިން ބުނީ އެއްވެސް ޕާޓީއެއްގައި ވަކި ބޭފުޅެއްގެ ވަށައިގެން މުޅި ޕާޓީ، ނުވަތަ ޕާޓީގެ ހުރިހާ މެމްބަރުން، އެނބުރޭ ސަގާފަތެއް އޮތުމަކީ، ސިޔާސީ ޕާޓީތަކުގެ އަސާސްތަކާއި މައިގަނޑު ބޭނުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.
"އަދި ޕާޓީގެ ލީޑަރޝިޕްގެ އިންތިޚާބުކުރެވިފައިވާ އިސްބޭފުޅުންނާ މެދު ޤަވާއިދާ ޚިލާފަށް ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް ޑީއާރުޕީ އިން ދެކެމެވެ." ޑީއާރުޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.