އެޕަލްއިން އައިފޯން 14، މެކްބުކް، އަދި މެކްބުކް ޕްރޯ މޮޑެލްތަކަށް ސެލްފް ސާވިސް ރިޕެއާ ޚިދުމަތް ފުޅާކޮށްފިއެވެ.

މިއީ އަމިއްލަ ފޯނު މަރާމާތު ކުރުމަށް އިތުރު ތަނަކަށް ފޮނުވާލުމަށް ވުރެ އަމިއްލައަށް ޑިވައިސްތައް މަރާމާތުކުރަން ބޭނުންވާ މީހުންނަށް އެޕަލްއިން ދިން ރަނގަޅު ޚަބަރެކެވެ.

މިހާރު އެޕަލްގެ ކަސްޓަމަރުންނަށް އައިފޯން 14، އައިފޯން 14 ޕްރޯ، އެޕަލް މެކްބުކް އެއާ (އެމް2، 2022)، އަދި އެޕަލް މެކްބުކް ޕްރޯ 14 އިންޗި (2023) މަރާމާތު ކުރުމަށް ބޭނުންވާ ބައިތަކާއި ޓޫލްސްއާއި މެނުއަލްތައް ލިބޭނެއެވެ. މީގެ އިތުރުން މިހާރު މި ޕްރޮގްރާމްގެ ސަބަބުން އައިފޯން 12 އަދި އައިފޯން 13 މޮޑެލްގެ ޓްރޫޑެޕްތް ކެމެރާއާއި ޓޮޕް ސްޕީކާ އަމިއްލައަށް މަރާމާތު ކުރެވޭނެއެވެ.

އަމިއްލައަށް މަރާމާތު ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށްޓަކައި އެޕަލްއިން ވަނީ ކޮންމެ އުފެއްދުމަކަށް ވެސް "އޯޑަރު ކުރެވޭ ބައިތަކުގެ" ލިސްޓެއް ހާމަކޮށްފައެވެ. ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންވާ ބައިތައް ދެނެގަނެ ސެލްފް ސާވިސް ރިޕެއާ ސްޓޯރުން އޯޑަރު ކުރެވޭނެއެވެ. އެއަށްފަހު ދީފައިވާ އިރުޝާދުތަކަށް ބަލައިގެން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

އެޕަލްއިން ވަނީ އަމިއްލައަށް މަރާމާތު ކުރުމުގެ އެންމެ ފަހު ފިޔަވަޅު ވެސް ފަސޭހަކޮށްދީފައެވެ. މީގެ ކުރިން ކަސްޓަމަރުން ޑިސްޕްލޭ، ބެޓެރީ، ކެމެރާ ފަދަ ވަކި މަރާމާތުތަކަށް "ސިސްޓަމް ކޮންފިގްރޭޝަން" އެއް ފެށުމަށް ސެލްފް ސާވިސް ރިޕެއާ ސްޓޯރާ ގުޅަން ޖެހުނެވެ.

މި ފިޔަވަޅުގެ ސަބަބުން މަރާމާތުތައް ރަނގަޅަށް ނިމި، ޑިވައިސް ރަނގަޅަށް މަސައްކަތް ކުރަމުންދާކަން ކަށަވަރުވެއެވެ. ނަމަވެސް އެޕަލްއިން މިހާރު ވަނީ މި ފިޔަވަޅު އަމިއްލައަށް ނިންމުމުގެ ބާރު ކަސްޓަމަރުންނަށް ދީފައެވެ. އެގޮތުން އެމީހެއްގެ ޑިވައިސްގައި ޑައިގްނޯސްޓިކްސް މޯޑަށް ވަދެ، އޮންސްކްރީން އިންސްޓްރަކްޝަންތަކާ އެއްގޮތަށް އަމަލުކުރުމުން، ސިސްޓަމް ކޮންފިގްރޭޝަން ފެށޭނެއެވެ.

ނަމަވެސް އެޕަލްއިން ފާހަގަކުރާ ގޮތުގައި ސެލްފް ސާވިސް ރިޕެއާއަކީ ގިނަ ކަސްޓަމަރުންނަށް ރަނގަޅު ކަމެއް ނޫނެވެ. އިލެކްޓްރޯނިކް ޑިވައިސްތައް މަރާމާތު ކުރުމުގެ ތަޖުރިބާ ނެތް ފަރާތްތަކުން, އެޕަލްގެ އަސްލު ބައިތައް ބޭނުންކުރުމުގެ ސެޓްފިކެޓް ލިބިފައިވާ ޓެކްނީޝަނުންނާއެކު ޕްރޮފެޝަނަލް އޮތޯރައިޒްޑް ރިޕެއާ ޕްރޮވައިޑަރަކަށް ޒިޔާރަތް ކުރުމަށް އެ ކުންފުނިން ލަފާދެއެވެ.

އެޕަލްގެ ސެލްފް ސާވިސް ރިޕެއާ ޚިދުމަތް ފުޅާކުރަން ފަށާފައި ވަނީ ސެމްސަންގުން ވެސް މިފަދަ އިއުލާނެއް ކުރި ފަހުންނެވެ. ދެކުނު ކޮރެއާގެ ޓެކް ކުންފުނި ސެމްސަންގްއިން ދާދި ފަހުން ވަނީ ގެލެކްސީ ފޯނުތަކާއި ގެލެކްސީ ބުކްސްއަށް އިނގިރޭސިވިލާތާއި ޔޫރަޕްގައި އަމިއްލައަށް މަރާމާތު ކުރުމުގެ ޚިދުމަތް ތައާރަފު ކުރަން ރާވާފައިވާކަން ހާމަކޮށްފައެވެ.

މި ޚިދުމަތުން ކަސްޓަމަރުންނަށް ފަސޭހަވެ، ތިމާވެށްޓަށް ފައިދާތަކެއް ލިބުނު ނަމަވެސް މިއީ ފުރިހަމައަށް ލިބޭ ޚިދުމަތެއް ނޫނެވެ. އެއީ އެއްވެސް ޑިވައިސްއެއްގެ ހުރިހާ ބައިތަކެއް އަމިއްލައަށް މަރާމާތު ނުކުރެވުމާއި އެއީ ގިނަ ވަގުތު ނަގައި، ޚަރަދު ކުރަން ޖެހޭ މިންވަރު ވެސް އިތުރު ވެދާނެ ކަމަކަށް ވާތީއެވެ.

އެޕަލްކެއާ ޕްލަސް އާއި ސެމްސަންގް ކެއާ ޕްލަސް ފަދަ ޕްރޮޓެކްޝަން ޕްލޭންތަކުން ކަވަރުކުރާ ކަސްޓަމަރުންނަށް މި ސެލްފް ރިޕެއާ ޚިދުމަތުގެ މުހިންމުކަން ކުޑަވެދާނެ ކަމަށް ބެލެވޭއިރު، ޕްރޮޓެކްޝަން ޕްލޭން ބޭނުންކުރުމަކީ މާލީ ގޮތުން ފައިދާހުރި ކަމެއް ކަމަށް ބެލެވެއެވެ.