21 Jun 2023, 12:39
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެ މަގާމުގައި އިންނަވައިގެން ބާއްވާ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވާން އެ ކޮމިޝަންގެ ތިން މެންބަރަކު ނިންމަވައިފިއެވެ.
އެ ކޮމިޝަންގައި ފަސް މެންބަރުން ތިއްބަވާއިރު، ޖަލްސާއެއް ބޭއްވެނީ ތިން މެންބަރުން ހަމަވުމުންނެވެ.
އީސީގެ މެންބަރު، އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު މިއަދު ވަނީ ފުއާދުގެ ރިޔާސަތުގައި ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވާން ނިންމައިފައެވެ.
އެހެންވެ، ދެން އެ ކޮމިޝަންގެ އެއްވެސް ޖަލްސާއެއް ނުބޭއްވޭނެއެވެ.
ފުއާދުގެ ރިޔާސަތުގެ ދަށުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވާން އެ ތިން މެންބަރުން ވެސް ނިންމައި، އެ ކަން އީސީއަށް އެންގިކަން މެންބަރު ނަޝާތު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ޖަލްސާތައް ނުބޭއްވޭ ގޮތަށް މަރުތަޅެއް އެޅުވުނުއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އުފައްދަވަން މަސައްކަތް ކުރައްވާ ދި ޑިމޮކްރެޓްސްގެ ފޯމުތައް ޕްރޮސެސްކޮށް ނިމި، އެ ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މިއަދު 10:30އަށް ބައްދަލުވުމެއް ތާވަލު ވެސް ކުރިއެވެ.
އެކަމަކު، ތިން މެންބަރުން ބޮއިކޮޓު ކުރުމުން، އެ ޖަލްސާގެ ކޯރަމް ހަމައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ކުރިން ބޭއްވި ބައްދަލުވުމުގައި ވެސް މެންބަރު ނަޝާތާއި އާސިފް ވަނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ. އެ ބޭފުޅުން އޭރު ވިދާޅުވީ، ޕްރޮސެސް ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ، ޕްރޮސެސް ފުރިހަމަވީހާ އަވަހަކަށް ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދެއްވާނެ ކަމަށް އޭރު އެ ބޭފުޅުން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ވެސް ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، ތިން މެންބަރުން ވަނީ ފުއާދު އީސީގެ ރައީސްކަމުން އިސްތިއުފާ ނުދެއްވަނީސް ދެން ޖަލްސާތަކުގައި ބައިވެރިނުވާނެ ކަމަށް އަންގައިފައެވެ.
އީސީގައި މަރުތަޅެއް އެޅުވުނުއިރު، ގާނޫނު ހަދާ މަޖިލީސް ވެސް މި ވަގުތު އޮތީ މަރުތަޅު އެޅުވިފައެވެ.
ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއް ފަހަރާ ހުށަހެޅުމުން ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެފައެވެ. އެހެންވެ، އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެކަމަކު، ރައީސާއި ނައިބު ރައީސް ނޫން މެންބަރަކަށް ރިޔާސަތު ބެލެހެއްޓެނީ ޖެހިޖެހިގެން ތިން ޖަލްސާގައެވެ.
އެހެންވެ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތި، މަޖިލިސް އޮތީ ހުއްޓިފައެވެ.