21 Jun 2023, 12:27
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް އަމާޒުކޮށް ދިވެހި ރައްޔިތުން ގިނަ ސުވާލުތަކެއް ކުރަމުންދާތީ، އެ ސުވާލުތަކަށް ޖަވާބުދާރީ ވުމަށް އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސޮއި ކުރައްވާ މިއަދު ހުށަހެޅުއްވި ސިޓީގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވީހިނދު، ގާނޫނުއަސާސީގެ ދަށުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ސުވާލު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
އަދި، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިނުވާކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމަކީ ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކޮށް ގައުމުގެ ހަމަޖެހުން ގާއިމު ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ.
އެ ސިޓީއާ އެކު ރައީސް ޞާލިޙް ރައްޔިތުންނަށް ސާފު ކޮށްދެއްވަން ޖެހޭ 10 ސުވާލެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި:
މޮރީޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ކުރީ ސަރުކާރުތަކުން ގެންގުޅުނު ސްޓޭންޑް ބަދަލު ކުރި ސަބަބު
- ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ހުރަސް އެޅޭ ގޮތަށް ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރީޝަސްއަށް ދޫކޮށްލަން ޖެހުނު ސަބަބު
- ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ގޮތް ނިންމެވުމުގެ ކުރިން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރައުޔެއް ނުހޯދި ސަބަބު
- މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ސިއްރު ކުރައްވަނީ ކީއްވެތޯ އާއި އެ ސިޓީގައިވާ ކަންކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަދި ބަންޑާރަ ނައިބުގެ ލަފާ ހޯއްދެވިތޯ ސާފު ކުރުން
މީގެ އިތުރުން، އުތުރުތިލަފަޅާއި، ހަނިމާދޫ އެއާޕޯޓާ ބެހޭ ގޮތުން އިންޑިއާ ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުން ސިއްރު ކުރި މައްސަލައާއި، ވެރިކަން ކުރާ އެމްޑީޕީގެ ކެމްޕެއިނަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކުގެ ބޭނުން ކުރައްވާ ކަމަށް ތުހުމަތުކޮށް އެކަން ސާފު ކޮށްދެއްވުމަށް ވެސް ހިމަނާފައިވެއެވެ.

މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/ ޕީޕީއެމް
"ވީމާ ރާއްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުނުހާ އަވަހަކަށް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރައްވައި، މަޖިލީހުގެ ތަޅުމުގައި މި ސިޓީއާ އެކު ހީރަސްކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ." ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މި ވަގުތު ހުއްޓިފައިވާއިރު، އިދިކޮޅުން ތުހުމަތުކުރަނީ އެއީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތައް ހުރަސްއެޅުމަށް ސަރުކާރުން ކުރި ކަމެއް ކަމެކެވެ. އަދި، މަޖިލީހުގެ މައްސަލައަށް ހައްލު ގެނައުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތް ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ.