21 Jun 2023, 17:33
ޖެނީން (21 ޖޫން 2023): އިސްރާއީލުން މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ރެފިއުޖީ އަވަށެއްކަމަށްވާ ޖެނީންއަށް އަރައި ފަލަސްތީނުގެ ހަތް މީހުން ޝަހީދުކޮށްލި ޖަރީމާއަށް ފަލަސްތީނުގެ މުޖާހިދުން ދިން ރައްދު ހަމަލާގައި އިސްރާއީލުގެ ހަތަރު ޔަހޫދީއަކު މަރާލައިފިއެވެ.
މަރާލި ހަތަރު ޔަހޫދީންނަކީ އިސްރާއީލު ގަދަބާރުން ވެރިވެގަނެގެންއުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިމުގައި ގަވައިދާ ޚިލާފަށް ވަޒަންވެރިވެގެންއުޅޭ ހަރުކަށި ޔަހޫދީންނަށް ނިސްބަތްވާ ބައެކެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ނެރުނު ބަޔާނެއް ބުނިގޮތުގައި ޔަހޫދީންގެ މި ހަތަރު މީހުން މަރާލީ ހުޅަނގުއައްސޭރީގެ ގަވައިދާ ޚިލާފަށް އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށެއްކަމަށްވާ "އީލީ" އަވަށުގެ ކައިރީގައެވެ. މިއީ މި ހަފުތާގައި ޖެނީންގައި އިސްރާއީލުން ހިންގި އުދުވާނަށް ބަދަލުހިފުންކަމަށްވެސް ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ގުޅިފައިވާ ބަޔާން ބުނެއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޖެނީން ރެފިއުޖީ އަވަށަށް ހަތިޔާރާއެކު ވަދެގަނެ ފުރަތަމަ ޝަހީދުކޮށްލީ ފަލަސްތީނުގެ ތިން މީހުންނެވެ. އެހަމަލާދިނުމާއެކު ޖެނީން ރެފިއުޖީ އަވަށުގެ މީހުން ވަގުތުން ނުކުމެ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް އަމާޒުކޮށްވަނީ ވަރުގަދަ ހަމަލާތަކެއްދީފައެވެ.
އެއަށްފަހު ޖެހިގެން އައިދުވަހު އިސްރާއީލު ސިފައިންވަނީ އިތުރު ހަމަލާތައްދީ ފަލަސްތީނުގެ އިތުރު ހަތަރު މީހަކު ޝަހީދުކޮށްލާފައެވެ. މީގެއިތުރުން 31 މީހަކު ޒަޚަމްވެސް ކޮށްލިއެވެ.
އިސްރާއީލުން އިތުރު ހަމަލާތައްދިނީ އަސްކަރީ ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ. އެމެރިކާގެ އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ. މި ހަމަލާތައް ޖެނީން އަވަށަށާއި އެއަވަށުގެ ކައިރީގައިވާ ތަންތަނަށް އަމާޒުކުރިއެވެ.
އެއަށްފަހު ފަލަސްތީނު މުޖާހިދުންގެ ދެ ޖަމާއަތް ގުޅިގެން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހިންގާފައި މިވަނީ ޖިހާދީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މުޖާހދުންވަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ހަރުކަށި ޔަހޫދީންގެ ހަތަރު މީހަކު މަރާލާފައެވެ.
ފަލަސްތީނުގެ މީޑިއާ ބުނާގޮތުން މުޖާހިދުންގެ ބޭނުމަކީ އިސްރާއީލު ހިންގާ ފަލަސްތީނު މީހުން މެރުމުގެ ޖަރީމާތަކަށް ބޮޑު އަގެއްދައްކަން ޖެހޭނެކަމާއި އަދި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވާ ހަރުކަށި ޔަހޫދީންނަށް މަރުގެ ނުރައްކާއޮންނާނެކަމާއި އެމީހުންނަށް ފަލަސްތީނުގެ ބިންތަކުގައި އެއްވެސް ރައްކާތެރި ކަމެއްނެތްކަމެވެ. މުޖާހިދުންގެ ރައްދު ހަމަލާގައި ޔަހޫދީ ވަޒަންވެރިންގެ ހަތަރު މީހުން މަރާލުމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށްވަނީ ސިހުން ލިބިފައެވެ.