30 Apr 2012, 21:06
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް މުހައްމަދު ވަހިއްދުއްދީން ބަނޑޮސް އައިލެންޑު ރިޒޯރޓްގައި މިހާރު ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް ސަން އަށް ވަރަށް މުއުތަބައްރު ގޮތެއްގައި ސަން އަށް އެނގިއްޖެ އެވެ.
ވަހިއްދީން ނައިބު ރައީސް ކަމާއި ހަވަލްވެވަޑައިގެންވުމަށް ފަހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމަށް ސިޔާސީ ހުރިހާ ފަރާތްތަކާ އެކު ވެސް އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
މިހާރު ބަނޑޮސް އައިލެންޑު ރިސޯޓްގައި ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ ކޮން ކަމަކާ ގުޅޭ ގޮތުންކަން އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އިއްތިހާދުގެ ސަރުކާރުގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅު ވެފައި ވަނީ ނާއިބު ރައީސާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވާކަން އެއީ ރަނގަޅު ވާހަކެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަށް ބޭނުން ނުވާކަމަށެވެ.
"މިހާރު ނާއިބު ރައީސާއި ރައީސް ނަޝީދު ބައްދަލުކުރައްވަމުން ދާކަމުގެ މައުލޫމާތު ވަނީ ލިބިފައި. އެކަމަކު ބައްދަލުކުރައް ވަނީ ކޮންކަމަކާ ގުޅޭ ގޮތުން ކަން ދަންނަވާކަން ނޭނގޭ،" އޮފިޝަލް ވިދާޅުވި އެވެ.
އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދު މިސަރުކާރުން ހައްޔަރުކޮށްފާނެތޯ ނޫސްވެރިއަކު ސުވާލު ދެއްނެވުން ނާއިބު ރައީސް ވަހިއްދީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށްގެން ޖަލަށް ލާން މިސަރުކާރުން ނޫޅޭ ކަމަށެވެ.
"މިސަރުކާރުން ނަޝީދު ޖަލަށް ލާކަށް ނޫޅޭ. ޖަލަކަށް ނުވެސް ލާނެ. އަދި އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ވެސް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން މީގެކުރިން ބޭއްވި އެކި އެކި ރެލީތަކުގައި ވަހިއްދީން ނާއިބު ރައިސް ކަމަށް އިސްކުރެއްވުމާ އެކު އެމަނިކުފާނަކީ ވެސް ބަޣީއެއްކަމަށް ބުނެ އެޕާޓީގެ ޕޯޑިއަމްތަކުގައި ވަނީ ވާހަކަ ދައްކައިފަ އެވެ.