ޕޮޕް މިއުޒިކްގައި މަގުބޫލުކަން ހޯދަމުން އަންނަ ލަވަކިޔުންތެރިޔާ ބީބީ ރެކްސާ ޝޯއެއް ދެމުން ދަނިކޮށް އޯޑިއަންސުން މީހަކު ފޯނު އެއްލައި, މޫނުމަތި ފަޅާލައިފިއެވެ.

ނިއު ޔޯކުގައި ބީބީ ޕަފޯމް ކުރަމުން ދަނިކޮށް އޯޑިއަންސުންގެ ތެރެއިން މީހަކު ވަނީ ބީބީ އާ ދިމާލަށް ސްމާޓްފޯނެއް އެއްލާފައެވެ. މި މަންޒަރު ވަނީ ޝޯއަށް ދިޔަ އެތައް ބަޔަކު ރެކޯޑުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސްޓޭޖު މަތީގައި ބީބީ ހުއްޓައި އޯޑިއަންސުންގެ ފަރާތުން އެއްލާ ފޯނު ގޮސް ޖެހެނީ ބީބީގެ ނިތްކުރި މަތީގައެވެ. އެވަގުތު ވީ ތަދުން ބީބީ ބިންމައްޗަށް ވެއްޓެއެވެ. މާ ގިނަ އިރުތަކެއް ނުވެ ސްޓޭޖުން އޭނާ ގެންދާ ތަން ވީޑިއޯއިން ފެނެއެވެ.

ބީބީގެ މަންމަ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ބީބީގެ ބުމަ ކައިރި ވަނީ ފަޅައިގެން ގޮސްފައެވެ. އެއާއެކު ހަލާކުވި ތަން ފަހަން ޖެހުނު ކަމަށް ބީބީގެ މަންމަ ބުނެއެވެ.

މި މައްސަލައާ ގުޅިގެން ނިއު ޔޯކް ފުލުހުން ބުނަނީ ފޯނު އެއްލި ކަމަށް ބެލެވޭ 27 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ކޮންސާޓަށް ފައިސާ ދައްކައިގެން އެ ކޮންސާޓް ބަލަން ގޮސް ހުރެ ބީބީއަށް ހަމަލާ ދިނީ އޭނާގެ ފޭނެއް ކަމަށް ބުނާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާއާ ދެކޮޅަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ފޯނު އެއްލާލާފައިވަނީ އެއީ "މަޖާ ވާނެ ކަމަކަށް" ވެދާނެ ކަމަށް ހީކޮށެވެ.