30 Apr 2012, 21:01
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނާއިބް ރައީސް އަލްހާން ފަހުމީގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރުމަކީ އެއީ ޑިމޮކްރެސީއަށް ހިޔަނި އެޅިގެންދާނެ ކަމެއް ކަމަށް ޑީއާރްޕީ އިން ބުނެފި އެވެ.
ޑީއާރްޕީ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މިހާތަނަށް އެމްޑީޕީއަށް އިންތިޚާބު ކުރެވިފައިވާ ކޮންމެ ރައީސަކު ވެސް ޕާޓީގެ ވަކިބަޔެއްގެ ނުފޫޒުގެ ސަބަބުން މަގާމުން ދުރަށް ދާން ޖެހިފައިވާ ކަމަށާއި އެމްޑީޕީގެ އެފަދަ އަމަލުތަކަކީ ޑިމޮކްރެސީއަށް ހިޔަނި އެޅިގެންދާނެ އަމަލުތަކެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.
"އެމްޑީޕީއަށް އިންތިޚާބު ކުރެވޭ ކޮންމެ ރައީސަކު ވެސް ވަކި ފަރާތްތަކެއްގެ ނުފޫޒުގެ ސަބަބުން މަޤާމުން ދުރަށްދާން ޖެހުނުއިރު، އެމްޑީޕީއިން ފެނުނު މި އަމަލުތަކަކީ ޑިމޮކްރަސީއަކަށް ހިޔަނިއެޅިގެން ދާނެ އަމަލުތަކެއް ކަމަށް ޑީއާރުޕީއިން ދެކެމެވެ،" ޑީއާރްޕީގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނަނީ އެމްޑީޕީ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީއަށް ވާއިރު އެ ޕާޓީގެ ރައީސްއާއި ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި ގަވާއިދާއި ޚިލާފަށް މަގާމުން ދުރުކުރުމަކީ އެ ޕާޓީން އެކަމާ ހިތާމަކުރާ ކަމެއް ކަމަށެވެ.
ޑީއާރްޕީގެ ބަޔާނުގައި ބުނަނީ ޕާޓީގެ އެންމެ އިސް މަގާމުތަކަށް އިންތިޚާބުވެފައިވާ ބޭފުޅުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން އެ ބޭފުޅުން މަގާމުން ވަކިކޮށް، ޕާޓީ ހިންގަމުން ދަނީ އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަމަށް ވާތީ އެކަމުން ދޭހަވަނީ އެ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ނެތް މިންވަރު ކަމަށެވެ.
"މިވަގުތު އެމްޑީޕީ ހިންގުމުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވަނީ އިންތިޚާބުކުރެވިފައިވާ ބޭފުޅުންގެ ބަދަލުގައި އެކި މޭރުމުން އައްޔަންކުރެވިފައިވާ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމަށްވީހިނދު، މިކަންކަމުން ދޭހަވަނީ އެމްޑީޕީގެ އެތެރޭގެ ޑިމޮކުރަސީ ނެތް މިންވަރެވެ،" އެ ބަޔާނުގައި ވެއެވެ.