21 Jun 2023, 08:32
ދިގު މުއްދަތަކަށްފަހު ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގެ ޓީޒާ ރިލީޒްކޮށްފިއެވެ.
ބަތަލާ އާލިއާ ބަޓްއާއި ރަންވީރު ސިންގް ލީޑް ރޯލްއިން ފެންނަ ފިލްމުގެ ޓީޒާއާއެކު މުޅިންވެސް އިވުނީ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްގެ އަޑެވެ. އަންނަ ޖުލައި މަހުގެ 28ގައި ފިލްމު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާއިރު ފިލްމުގެ ޓީޒާ ނެރޭނެ ދުވަހަކަށް ގިނަބަޔަކު އައީ އިންތިޒާރުކުރަމުންނެވެ. ސަޕޯޓަރުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކުވަނީ މިޓީޒާއަށް ތަޢުރީފުކޯށް ފިލްމު ބެލުމަށް ކެތްމަދުވެފައިވާކަމަށް ބުނެފައެވެ.
ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އަކީ ލޯބީގެ ފިލްމުތައް ގެނެސްދިނުމުގައި މަޝްހޫރު ޑައިރެކްޓަރު ކަރަންގެ ހަތް ވަނަ ޑައިރެކްޝަނެވެ. ފިލްމުގެ ޓީޒާ އާއްމުކުރަމުން ކަރަން ބުނެފައިވަނީ، ބެލުންތެރިންނާ ހިއްސާކޮށްފައިވަނީ ހިތުން ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ފިލްމެއްގެ ޓީޒާކަމަށެވެ.
ކަރަން މިހާތަނަށް ޑައިރެކްޓްކޮށްފައިވާ ކޮންމެ ފިލްމަކީވެސް ކުޅަދާނަ ޕްރޮޑިއުސަރަށް ވަރަށް ހާއްސަ އަދި ވަރަށް ލޯތްބާއެކު އުފައްދާފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި ބްލޮކްބަސްޓަ ފިލްމު "ކުޗް ކުޗް ހޯތާހޭ"، "ކަބީ ޚުޝީ ކަބީ ޣަމް"، "ކަބީ އަލްވިދަނާ ކެހެނާ"، "ސްޓޫޑަންޓް އޮފް ދަ އިއާ" އަދި އެންމެފަހުން ޑައިރެކްޓްކުރި ފިލްމު "އޭ ދިލްހެ މުޝްކިލް" ހިމެނެއެވެ.
ކަރަންގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިންވެސް ޢާއިލާތެރޭގައި އޮންނަ ލޯބި ދައްކުވައިދޭނެއެވެ. އާލިއާއާއި ރަންވީރު ސިންގްގެ އިތުރުން އެކްޓަރު ދަރުމެންދްރަ، ބަތަލާ ޝާބާނާ އަޒްމީ އަދި ޖަޔާ ބައްޗަން ވަރަށް މުހިއްމު ރޯލްތަކުން ފެންނާނެއެވެ. ފިލްމުގައި ޖަޔާ ފެންނާނީ ނޫފޫޒުގަދަ މަންމައެއްގެ ރޯލްއިންނެވެ.