20 Jun 2023, 19:15
ޗެލްސީގެ ޖަރުމަން ފޯވަޑް ކައި ހަވާޓްޒްއަށް އާސެނަލުން ހުށަހެޅި ބިޑު 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އާސެނަލުން ހަވާޓްޒް ހޯދުމަށް ފުރަތަމަ ހުށަހަޅާފައިވަނީ 50 މިލިއަން ޕައުންޑުގެ އަގެކެވެ. ނަމަވެސް ޗެލްސީން އޭނާއަށް 70 މިލިއަން ޕައުންޑުގެ އަގެއް ބޭނުންވާތީ އެ ކްލަބުން ވަނީ އާސެނަލްގެ އެ ބިޑު ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާސެނަލުން ހަވާޓްޒްއަށް އެންމެ ފަހުން ހުށަހެޅި އަގަކީ 55 މިލިއަން ޕައުންޑާއެކު ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑެވެ. އެއާއެކު އެ ހުށަހެޅުން ޗެލްސީން ގަބޫލުކުރުން ގާތްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޗެލްސީން ދަނީ އާ ކުޅުންތެރިން ހޯދުމަށް އެ ކްލަބުގައި މިހާރު ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ މަސައްކަތްކުރަމުންނެވެ. ޗެލްސީގެ ކުޅުންތެރިންތަކެއް ދޫކޮށްލުމަށްފަހު އެ ކްލަބުން ދަނީ ބްރައިޓަން މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ ގެނައުމަށް މަސައްކަތްކުރަމުންނެވެ. އޭނާ ގެނައުމަށް ޗެލްސީން 100 މިލިއަން ޕައުންޑު ހޭދަކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާސެނަލުން ހަވާޓްޒްގެ އިތުރުން ވެސްޓް ހާމްގެ ކެޕްޓަން ޑެކްލަން ރައިސް ހޯދުމަށް ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައިސްއަށް ކުރި ފުރަތަމަ ބިޑު ނާކާމިޔާބުވުމާއެކު، މިހާރު އާސެނަލުން އޭނާއަށް ހުށަހަޅާފައިވަނީ 90 މިލިއަން ޕައުންޑުގެ އަގެކެވެ. ނަމަވެސް ވެސްޓް ހާމުން ރައިސްއަށް ބޭނުންވަނީ 100 މިލިއަން ޕައުންޑުގެ އަގެކެވެ.