20 Jun 2023, 18:58
އާރްބީ ލައިޕްޒިގްގެ ފްރާންސް ފޯވަޑް ކްރިސްޓޮފާ އެންކުންކޫ ޗެލްސީއަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
އެންކުންކޫ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރިއަށްގެންގޮސްފައިވަނީ ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗެލްސީގެ މެޑިކަލްގައި ބައިވެރިވެ، ޗެލްސީއަށް ސޮއިކުރަން އެންކުންކޫ ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ޗެލްސީން އެންކުންކޫގެ ޓްރާންސްފާގެ ކަންކަން ނިންމުމަށް އިންތިޒާރުކުރަން ޖެހުނީ މިސީޒަން ނިމެންދެނެވެ. އެންކުންކޫ 53 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީއާ ގުޅުނުކަން މިހާރު ރަސްމީކޮށް އެ ކްލަބުން ވެސް ވަނީ އިއުލާންކޮށްފައެވެ. އޭނާ ޗެލްސީއާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
އުމުރުން 25 އަހަރުގެ އެންކުންކޫ ޗެލްސީގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނީ ޗެލްސީއަށް ސޮއިކުރެވުމުން ވަރަށް އުފާކުރާ ކަމަށާއި އެ ކްލަބުން އޭނާ ގެންދިއުމަށް ބޮޑު މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.
"އަހަރެން މިހާރު ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން. މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގު. ކުރިއަށްއޮތް ޗެލެންޖަށް މިހުރީ ކެތްމަދުވެފައި. ޗެލްސީގެ ޖާޒީގައި ކުޅޭނީ ފަހުރުވެރިކަމާއެކު،" އޭނާ ބުންޏެވެ.
އެންކުންކޫގެ ފުޓުބޯޅަ ކެރިއަރު އޭނާ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން 2015 ވަނަ އަހަރު ފެށި ނަމަވެސް، ފުރަތަމަ 11 އިން ފުރުސަތު ހޯދުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެކަމާ ގުޅިގެން ހަތަރު އަހަރު ފަހުން އޭނާ ވަނީ ލައިޕްޒިގާ ގުޅިފައެވެ. ލައިޕްޒިގްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެންކުންކޫ ވަނީ އެ ކްލަަބަށް 172 މެޗު ކުޅެ، 70 ގޯލާއި 56 އެސިސްޓް ހަދައިފައެވެ.