އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބާރަ އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމް، ޖުމްލަ 24 ކުދިން ވަނީ ފުރިހަމަކޮށްފައެވެ.

ފޯލޫޕް ކޯޑިންގ އެކަޑަމީ އިން ހިންގި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ވަނީ ކުދިންނަށް ދަސްކޮށްދީފައެވެ.

މި ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސްއާއި ފޯލޫޕް ކޯޑިން އެކެޑެމީ ގުޅިގެން 16 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިމާދުއްދީން ސްކޫލްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޯލޫޕް ކޯޑިން އެކެޑެމީގެ ސީއީއޯ އަދި ކޯ ފައުންޑާ އިސްމާއިލް ރިޔާޒް ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކުދިންނަށް ކޮމްޕިއުޓަރެއް މަސައްކަތް ކުރާ ގޮތަކީ ކޮބައިކަން ދެނެގަތުން ކަމަށެވެ. އެގޮތުން އަންހެނުންގެ ދުވަހާއި ގުޅުވައިގެން އަންހެން ކުދިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފިޒިކަލް ކޮމްޕިއުޓިންގެ ބޭސިކް ކޯހެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ފިޒިކަލް ކޮމްޕިއުޓިން ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ

ފޯލޫޕްގެ ކަރިކިއުލަމްގައި އެކި ލެވެލްގެ ޕްރޮގްރާމްތައް ހުރި ނަމަވެސް އާންމު ގޮތެއްގައި ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ 10 މަސް ދުވަހަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފޯލޫޕްގެ ޕްރޮގްރާމްތަކަކީ ވަރަށް ޑީޓެއިލްކޮށް ކިޔަވައިދިނުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށާއި އެއީ ހަމައެކަނި ބޭސިކް ކިޔަވައިދޭ ޕްރޮގްރާމްތަކެއް ނޫން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެކި ލެވެލްތަކުގެ ޕްރޮގްރާމްތައް އެބަ އުޅޭ. ލެވެލް އެކަކުން ފަށައިގެން ގޮސް ލެވަލް ހަޔަކާ ހަމައަށް އެބައުޅޭ. ދެން ފާހަގަކޮށްލަންޖެހޭ ލެވެލް ތިނަކާ ހަމައަށް ދާއިރު ކުއްޖާއަށް އެބަ އިނގޭ އަމިއްލަ ވެބްސައިޓެއް ހަދާލުމަށް ނުވަތަ މޮބައިލް އެޕްލިކޭޝަނެއް ހަދާލުމަށް. ލެވެލް ހަތަރެއް ނުވަތަ ފަހެއް ނިމޭއިރު އިނގޭނެ ޑްރޯން އެއްޗިލް އަމިއްލައަށް ޕްރޮގްރާމް ކޮށްލަން.ފޯލޫޕް ކޯޑިން އެކެޑެމީގެ ސީއީއޯ އަދި ކޯ ފައުންޑާ އިސްމާއިލް ރިޔާޒް

މި ޕްރޮގްރާމްގައި ގްރޫޕް މަސައްކަތްތަކުގެ އިތުރުން އިންޑިވިޖުއަލް މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. ޖުމްލަ 29 ކުދިން ބައިވެރިވި މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ 24 ކުދިންނެވެ.